ދުނިޔޭގެ އެންމެ ހައި ޕްރޮފައިލް ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިން ތަމްސީލްކުރާ އިޓަލީގެ ފުޓުބޯޅަ އެޖެންޓް މިނޯ ރައިއޯލާ މަރުވިކަމަށްބުނެ އެކި މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ރުޅިގަދަވެއްޖެއެވެ.
ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ހޮސްޕިޓަލުގައި މަރާ ހަނގުރާމަކުރަމުންދާ ރައިއޯލާ މަރުވިކަމަށް، މީސްމީޑިއާގައި އާއި ބޭރުގެ ބައެއް ބޮޑެތި މީޑިއާތަކުންވެސް ވަނީ ރައިއޯލާ މަރުވި ކަމަށް ރިޕޯޓުކޮށްފައެވެ.
މިވާހަކަތައް ދޮގުކޮށް ކުރި ޓުވީޓެއްގައި ރައިއޯލާ ބުނީ، މިއީ ފާއިތުވީ މަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ އިންނާއި އެހެން މީޑިއާތަކުންވެސް އޭނާ މަރުވިކަމަށް ރިޕޯޓުކުރި 4 ވަނަ ފަހަރު ކަމަށެވެ. އަދި އެފަރާތްތަކާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ރައިއޯލާ ވަނީ، 4 ފަހަރަށް މަރާލުމަށްފަހު އަނެއްކާވެސް އަލުން ފުރާނަ އެޅުވުމުގެ ބާރު މިފަދަ ފަރާތްތަކަށް އޮންނަނީތޯ ރައިއޯލާ ސުވާލު އުފައްދާފައެވެ.
ރައިއޯލާ މަރުވިކަމަށްބުނާ ރިޕޯޓުތައް އެންމެ ފުރަތަމަ ދޮގުކުރީ އޭނާގެ ގާތް އެކުވެރިޔާ ހޯސޭ ފޯޓްސް ރޮޑްރިގޭޒް އެވެ.
އަދި ރައިއޯލާ މަރުވިކަން ކަށަވަރުކުރުމަށް މީޑިއާތަކުން ކެނޑިނޭޅި ގުޅަމުންދާތީ އެކަމާއި ރައިއޯލާ އެޑްމިޓް ކޮށްފައި އޮތް ސޭން ރަފައެލް ހޮސްޕިޓަލުގެ ޑޮކްޓަރ އަލްބާޓޯ ޒަންގްރިލޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ރައިއޯޅާ މަރުވިަކަމަށް މީޑިއާތަކުން ރިޕޯޓުކުރަން ފެށުމާއި ގުޅިގެން ރެއާލް މެޑްރިޑުންވެސް ވަނީ ތައުޒިޔާގެ މެސެޖެއް އެކުލަބުގެ ވެބްސައިޓުގައި ޕޯސްޓު ކޮށްފައެވެ. އެހެންނަމަވެސް މި ޕޯސްޓު މިހާރު ވަނީ ނަގާފައެވެ.
އުމުރުން 59 އަހަރުގެ ރައިއޯލާ އަކީ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އާއި، ސްވިޑެންގެ ޒްލަޓަން އިބްރަހިމޮވިޗްގެ އިތުރުން މިހާރު ފުޓުބޯޅައިގައި އެންމެ ޑިމާންޑް ބޮޑުވެފައިވާ އެއް ކުޅުންތެރިޔާ ކަމުގައިވާ އާލިންގ ބްރައުޓް ހާލަންޑުގެ އެޖެންޓެވެ. މީގެއިތުރުން އިޓަލީ އާއި ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި އިޓަލީގެ މާރިއޯ ބަލޮޓެލީގެ އިތުރުން އިންޓަރ މިލާނުގެ ޑެންޒެލް ޑަމްފްރީސްގެ އެޖެންޓަކީވެސް ރައިއޯލާ އެވެ.
މީގެއިތުރުން 2019 ވަނަ އަހަރުގައި މެތިއަސް ޑެލިޓް އަޔެކްސް އިން ޔުވެންޓަސް އަށް ބަދަލުވި ޓްރާންސްފަރގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން، މިދިޔަ އަހަރު ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ޕީއެސްޖީ އަށް ބަދަލުވިއިރު، އެކަމުގެ އެންމެހާ ކަންކަމެއްވެސް ހަމަޖެއްސީ ރައިއޯލާ އެވެ.