އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާ އިމާވުވެ ހުކުރު ނަމާދު ކުރައްވާނީ އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދގެ މައި މަރުކަޒުގައި ކޮންމެ ހުކުރު ދުވަހެއްގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އދގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާޢަތުގައި ހުކުރު ނަމާދު ކުރެއެވެ.

މި ސަގާފަތުގެ ދަށުން މާދަމާ ކުރެވޭ ހުކުރު ނަމާދުގައި، އިމާމުވެ އަބްދުﷲ ޝާހިދް ނަމާދު ކުރައްވާއިރު، ނިއުޔޯކުގައި ހުކުރު ނަމާދު ކުރާ ގަޑި ދިމާވަނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެރޭ 10:00 އާއިއެވެ.

އދގެ މައި މަރުކަޒުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިމާމުވެ ނަމާދު ކުރައްވާއިރު މިއީ ރާއްޖެއަށް ލިބިގެންދާނެ ބޮޑު ފަޚުރަކާއި ޝަރަފެވެ. މީގެކުރިން ދިވެއްސަކަށް މިޝަރަފު ލިބިފައެއް ނުވެއެވެ. އެމަނިކުފާނު އިމާމުވެ މާދަމާގެ ހުކުރު ނަމާދު ކުރައްވާއިރު، މިއީ މި ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަސްވެސް މެއެވެ.