400،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އެއްބައިވަންތަ، އަޚުވަންތަ ރައްޔިތަކު ދިރިއުޅެމުން އަންނަ، ދުނިޔެމަތީގައިވާ "ސުވަރުގެ" އެއްގެ ގޮތުގައި ދުނިޔޭގައި ނަން މަޝްހޫރު ގައުމެކެވެ.

ގަދަ ނޫކުލައިގެ ސާލެއްގެ މަތީގައި، ރަން މުތްތަކެއްހެން ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ދިވެހިރާއްޖެއަކީ، އުމްރާނީ ގޮތުންނާއި، މާލީ ގޮތުންވެސް މާ ހައިބަތު ބޮޑު، މުއްސަނދި ގައުމެއްނޫނެވެ.

އެއްފަސްގަނޑެއްގައި ނެތުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ޚިދުމަތްތަކެއް އެންމެ ފުރިހަމަވުން މިއީ ކުރަން އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް ރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކަށް ތަރައްގީއާއި ތަހުޒީބު ގެނެސްދިނުމަށް މިންނެތް މަސައްކަތްތަކެއް އަބަދުވެސް ކޮށް އުޅެއެވެ.

އެގޮތުން، މިސަރުކާރަކީ، ކުޅިވަރުގެ ރޮނގުން ރާއްޖެއަށް އެހެން އެއްވެސް ސަރުކާރަކުން ގެނެސްދީފައި ނުވާ މިންވަރަށް ތަރައްގީ އާއި ތަހުޒީބު ގެނެސްދީފައިވާ ސަރުކާރެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފާއިތުވީ 3 އަހެއްގާ ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެއަށް ކުޅިވަރުގެ ރޮނގުން ގެނެސްދީފައިވާ ތަރައްގީއަކީ، މީގެކުރިން އެއްވެސް ސަރުކާރެއްގައި ގެނެވިފައި ނުވާވަރުގެ ބޮޑު ތަރައްގީއެކެވެ. ކުޅިވަރު ވަސީލަތްތައް ތަރައްގީ ނުކުރާ ސަރަހައްދެއް ރާއްޖޭގައި މިހާރު ނެތޭ ބުނުމަކުން އެއީވެސް ދޮގަކަށް ނުވާނެއެވެ.

މަލްޓިޕާޕޯސް އިންޑޯ ކޮމްޕްލެކްސްތަކާއި، އައުޓްޑޯ ވޮލީ ކޯޓުތަކުގެ އިތުރުން، ސްކޭޓް ޕާކުތައް އަދި ރާޅާ އަޅާނެ އެތައް ވަސީލަތަކާއި މިނޫންވެސް ކުޅިވަރުގެ ދާއިރާގެ އެކިއެކި ވަސީލަތްތަކެއް، ފާއިތުވީ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވިފަ ނުވަތަ އެކަމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. ހާއްސަގޮތެއްގައި ފުޓުބޯޅަ އާއި ފުޓްސަލް ކުޅޭނެ ފެންވަރު ރަނގަޅު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ އެތައް ދަނޑެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރުވެސް އަޅާ ނިމިފައިވާއިރު، އެތައް ރަށެއްގައި މިފަދަ އެތައް މަޝްރޫއުއެއް މިހާރުވެސް ކުރިއަަށް އެބަދެއެވެ.

ތެދެކެވެ. ތަފާތު ޚިޔާލުތަކާ، ފިކުރުތަކާއެކު މަސައްކަތް ކުރުމަކީ ކަމެއް ނުވަތަ ތަނެއްގެ ތަރައްގީގައި މުހިންމު ހިއްސާދާރެކެވެ. ހުރިހާ އެންމެން އެއް ގޮތަކަށް ނުވެސް ވިސްނާނެއެވެ. އެމީހަކު ވިސްނާ ގޮތަކަށް، ނުވަތަ ކަންކުރާ ގޮތަކާއި އެހެން މީހަކު އެއްބަސްވާކަށެއްވެސް ނުޖެހެއެވެ. ފާޑުވެސް ކިޔާނެއެވެ. އެކަމަކު އެއީ ބިނާކުރަނިވި ފާޑުކިޔުންތަކަކަށް ވާން ވާނެއެވެ. އޭގެބަދަލުގައި ތިމާގެ ފިކުރާއި، ވިސްނުމާ، ޒާތީގޮތުން ޖެހޭ މައްސަލަތަކެއްގެ ސަބަބުން މުޅި މުޖުތަމައުއަށް ކުރާ ފައިދާ އަކާއި، ވާ މަންފާއަކަށް އެޅޭ ހުރަހަކަށް ތިމާ ވެގެންނުވާނެއެވެ.

އަހަރެން ނިސްބަތްވާ ޕާޓީ ނޫން ޕާޓީއެއްގެ ވެރިއަކު ވެރިކަންކުރަން ހުރުން އެއީ އަހަރެން ދިރިއުޅޭ ރަށުގަ ބަނދަރު އެޅުމަށް ހުރަސްއަޅަންވީ ސަބަބެއްވެސް ނޫނެވެ. ނޫނީ އަހަރެން ރަށުގެ އުތުރު އަވަށުގަ ދިރިއުޅޭތީ، ސަރުކާރުން ދެކުނު އަވަށުގަ މިސްކިތް އަޅަން ކުރާ މަސައްކަތަށް ހުރަސްއަޅަން އުޅުން އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން، މިނިސްޓަރ މަހްލޫފްގެ މޭސްތިރިކަމުގެ ދަށުން ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ މަޝްރޫއު ދަނީ ކުރިއަށް ގެންދަމުންނެވެ. ބައެއް ރަށްރަށުގައި މި ދަނޑުތައް އަޅާ ނިމިފައިވާއިރު، އަނެއް ރަށްރަށުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ހުޅުވަން ތައްޔާރުވެފައިވާ އެތައް ދަނޑެއް ހުރި ރަށްރަށްވެސް އެބަ ހުށްޓެވެ.

އެހެން ނަމަވެސް، އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މިސާލެއްގެ ގޮތުގައި ބިދޭސީން ދެކޭ ދިވެހިންގެ ފަރާތުން މިވަނީ ގަބޫލުކުރަން ދަތި، ހަޑި މަންޒަރެއް ފެނިގެން ގޮސްފައެވެ.

ގޮންޖެހުން ތަކަކާއެކުވެސް ތ އަތޮޅު ތިމަރަފުށީގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުންގޮސް، ދަނޑު ހުޅުވުމަށް ތައްޔާރުވަމުން ދަނިކޮށް، ބަޔަކު މިވަނީ ގަސްތުގައި އެދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވަނީ އީދު ދުވަހު ދަނޑު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ގެއްލުންތަކާއެކުވެސް، ރާވާފައިވާ ގޮތަށް، އީދު ދުވަހު ދަނޑު ހުޅުވުމަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ތިމަރަފުށީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަން ހާމަކޮށް މިނިސްޓަރ މަހްލޫފް މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މިއީ ކޮންމެ ބަޔަކުު ކޮންމެ ސަބަބަކާހެދި ކުރިކަމެއް ނަމަވެސް، މިފަދަ ކަންތައްތަކުން ދުރުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ގެއްލުންވާނީވެސް އަދި ދެރައެއް ލިބޭނީވެސް ރަށުގެ ހުރިހާ ރައްޔިތުންނަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ތެދެކެވެ. މިކަމުގެ ދެރަ ލިބޭނީ ކައިރި ރަށްރަށުގެ މީހުންނަށް ނުވަތަ ސަރުކާރަކަށް ނޫނެވެ. ނުވަތަ ރަށު ކައުންސިލާއި، ތިމާއާއި ޒާތީ މައްސަލައެއް ޖެހިފައިވާ ރަށުގެ އެހެން ރައްޔިތަކަށް އެކަންޏެއްވެސް ނޫނެވެ. އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ، އެއްބައެއްގެ ގޮތުގައި އެއް ރަށެއްގައި އަމިއްލަ އާއިލާގެ މެމްބަރުންގެ ގޮތުގައި ދިރިއުޅޭ ރަށުގެ ހުރިހާ ރައްޔިތުންނަށެވެ.