އަދާލަތު ޕާޓިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެޕާޓީން ބުނެފިއެވެ.

އަދާލަތުން މިފަދައިން ބުނެފައިވަނީ އެޕާޓީން އިދިކޮޅު ޕީޕީއެމްގެ މެމްބަރުންތަކެއް "ވަގަށްނެގި" ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ކުރި ޓްވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން ވައްކަންކުރާ ވާހަކަ ޕީޕީއެމްއިން ދައްކަނީ އެކަމުގެ ހަގީގަތް އޮތީމަ ކަމަށާއި، އަދާލަތުން ޕީޕީއެމްގެ އާއިލާއެއް "ވަގަށް" ވެއްދިކަމުގެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި، ތާއީދު ނެތްނަމަ ސިޔާސީ ކަންކަމުގައި ނޫޅުމަށް ގޮވާލައި ޝުޖާއު ވަނީ އަދާލަތަށް ބަހުގެ ހަމާލާ އަމާޒުކުރައްވާފައެވެ.

ޝުޖާއުގެ މި ތުހުމަތުތަކަށް ރައްދު ދެމުން އަދާލަތުން ބުނީ އެޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް އެދި ޕާޓީއަށް ލިބޭ އެންމެހައި ފޯމްތައް އިލެކްޝަނަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

އަދި، އެޕާޓީއަށް ލިބޭ ފޯމަކީ ސައްހަ ނޫން ފޯމެއްކަން އެނގިއްޖެނަމަ ނުވަތަ އެއްވެސް ފަރާތަކުން އެފަރާތެއްގެ ނަން އުނިކުރުމަށް ހުށަހަޅުއްވައިފިނަމަ އެފަރާތެއްގެ ނަން ޕާޓީގެ ދަފްތަރުން މިހާރުވެސް އުނިކުރަމުން އަންނަ ކަމަށް އަދާލަތުން ބުނެފައި ވެއެވެ.

ޝުޖާއު ވަނީ އަދާލަތު ޕާޓީގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި، އަދާލަތަށް ދިހަހާސް މެމްބަރުން ހަމަކުރީ އިލެކްޝަންސްގެ ބައިވެރިވުމާއެކު ކަމަށް ތުހުމަތު ކުރައްވާފައެވެ.