ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ދިވެހިރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނިކޮށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ފިނިހޫނުމިން އިންތިހާއަށް މަތިވަމުން އަންނަ ކަމަށާއި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފަރުތަކާއި މެދު ވާނެ ގޮތާއި މެދު ވިސްނަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިމަހުގެ 17 ވަނަ ދުވަހު ބުނިގޮތުގައި، އެންމެ ހޫނުގަދަވެފައި ވަނީ ހުޅުލެ އާއި ހދ. ހަނިމާދޫ އަށެވެ.

އެގޮތުން، ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްވާ ފިނިހޫނުމިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގައެވެ. އަދި ހަނިމާދޫގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުގެ ރެކޯޑުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.