ތ. ތިމަރަފުށީ ޓާފް ދަނޑު ނިންމައި ހުޅުވަން ތައްޔާރުވެފައިވަނިކޮށް ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން އެއަމަލު ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ނިންމާ ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް އެ ދަނޑަށް ގެއްލުންދީ ދަނޑު ހަލާކުކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށާއި، ރައްޔުތުންގެ ލާބަ އާއި މަންފާއަށް ހިންގޭ މަޝްރޫއު ތަކަށް ގެއްލުންދީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ހިންގާ އެއްވެސް އަމަލަކީ އެ ޕާޓީން ތަރުހީބު ދީ ބަލައިގަންނާނެ އަމަލެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި، އެ ނާތަހުޒީބު އަމަލު ހިންގާފައިވަނީ ކޮންމެ ބަޔަކު ނަމަވެސް އެކަން ކުރި ބަޔަކާއި އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
އިދިކޮޅުން ވަނީ ރަށުގެ ތަރައްގީއަށް ހުރަސް އެޅުމާއި ރަށުގައި ގާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ރޭގެ ވަގުތެއްގައި ތިމަރަފުށީ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށް ދަނޑުތެރެއަށް ވަދެ، ޓާފުން ދެ ފޫޓުގެ ބޮޑު މިނުގެ 10 ވަރަކަށް ތަން ކޮނެގެން ނަގައި، ދަނޑުގެ ގޯލުގެ ދާގަނޑު ވެސް ވަނީ ކަފާލާފައެވެ.
އެރަށު ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތަކަކާއި ދަނޑުގެ މަސައްކަތް ލަސްވެގެން ބަޔަކު އައި ރުޅީގައި ކޮށްފައިވާ ކަމެކެވެ. އަދި، އެއީ ރަށު ކައުންސިލާ ދޭތެރޭ އޮތް ހިތްނުތަނަވަސްކަމުގެ ސަބަބުންނާއި ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާ ނުލާ ކަންކަންކުރާކަމަށް ދައްކަން ބަޔަކު ކުރި ކަމެއް ކަމަށްވެސް ތުހުމަތު ކުރެއެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ސަބަބަކާހެދި ނަމަވެސް އެފަދަ ދެރަ އަދި ފިނޑި އަމަލުތަކުން ދުރުވާންޖެހޭ ކަމަށާއި، އެކަމުގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ.