އިންޑިއާގެ އިތުރުން ހިންދީ ސިނަމާއަށް ލޯބިކުރާ ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޗެޓް ޝޯވް "ކޮފީ ވިތް ކަރަން" ގެ މުޅީން އާ ސީޒަނެއް މިއަހަރުގެ ޖޫން މަހުގެތެރޭ ގެނެސްދޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހިންދީ ސިނަމާގެ މަޝްހޫރު ސެލެބްރިޓީންނާއި، އިންޑިއާގެ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތަކާއެކު ސައުތް އިންޑިއާގެ ނުފޫޒުގަދަ ފިލްމީތަރިންވެސްވަނީ "ކޮފީ ވިތް ކަރަން" ގެ އެކި ސީޒަންތަކުގައި ބައިވެރިވެފައެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަކަމަށް ގިނަ ބަޔަކު ދައުވާކުރާ ކާމިޔާބު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓްކުރާ މިޝޯވްގެ ފަހު ސީޒަންއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެންދިޔައެވެ. އެއާއެކު އެއީ މި ޝޯވްގެ އެންމެ ފަހު ސީޒަންކަމަށާއި ޝޯވް އިންތިޒާމްކުރާ ފަރާތްތަކުން މިޝޯވް ހުއްޓާލުމަށް ގަސްތުކޮށްފައިވާ ކަމަށްވެސް އޭރު ބައެއް މީޑިއާތަކުން ބުނަމުން ދިޔައެވެ.

އެހެންނަމަވެސް މިހާރު އިވޭ އަޑުތައް ތަފާތުވެ ލިބޭ ޚަބަރުތައް ބުނާގޮތުން ކަރަން އަންނަނީ މިޝޯވްގެ 7 ވަނަ ސީޒަންއަށް ތައްޔާރު ވަމުންނެވެ.

މިވަގުތު ކަރަންދަނީ އޭނާ ޑައިރެކްޓްކުރާ ދަރްމާގެ ފިލްމު "ރޮކީ އޯރާ ރާނީކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ތަކުގައި ވަރަށް އަވަދިނެތިއެވެ. މިފިލްމުގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް އޭނާ "ކޮފީ ވިތް ކަރަން" ގެ އާ ސީޒަންގެ މަސައްކަތް ފަށާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޝޯވްގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ޖޫން މަހުގެތެރޭ މީގެކުރިންވެސް ޝޯވް ގެނެސްދީފައިވާ ސްޓާ ވޯލްޑްއިން އެއަރކުރަން ފަށާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"ކޮފީ ވިތް ކަރަން" ޝޯވްއަކީ ހިންދީ ސިނަމާގެ ގިނަ ތަރިން އެންމެ ބޮޑަށް ބައިވެރިވާން އެދޭ އެއް ޝޯވްއަށް ވާއިރު ބައެއް ތަރިންގެ އިތުރުން ބެލުންތެރިންގެ ނުރުހުންވެސް ލިބޭ ޝޯވްއެކެވެ.

ބައެއް ތަރިން ދެކޭގޮތުގައި ޝޯވްގައި ކަރަން ކުރިމަތިކުރުވާ ސުވާލުތަކަކީ 1 ތަރިއަކު އަނެއް ތަރިއަކު ޒާތީގޮތުން ޖައްސާލުމަށް މަގުފަހިކުރުވާކަހަލަ ސުވާލުތަކެކެވެ. ބައެއް ތަރިން ޝޯވްގެތެރެއިންވެސް ސީދާ ކަރަންއާ ދިމާލަށް އެކަން ދޭހަވާގޮތަށް ޖަވާބު ދީފައިވެއެވެ. އޭގެތެރޭގައި އެކްޓަރު އަކްޝޭ ކުމާރު، ޓްވިންކަލް ކަންނާ، ބަތަލާ ކަންގްނާ ރަނާވަތު އަދި އެކްޓަރު ރަންބީރް ކަޕޫރުވެސް ހިމެނެއެވެ.

2004 ވަނަ އަހަރު ވުޖޫދަށްއައި މިޝޯވްގެ މިފަހަރުގެ ސީޒަންގައި ފެންނާނެކަމަށް ބެލެވޭ ތަރިންގެތެރޭގައި، މިމަހު ކައިވެނިކުރި ބަތަލާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރުއާއި، އަނިލް ކަޕޫރާއި، އަކްޝޭ ކުމާރް، ސިދާތް މަލްހޯތްރާ، ވަރުން ދަވަން، ކިއާރާ އަދްވާނީ އަދި ދާދިފަހުން ހިންދީ ސިނަމާއާއި ގުޅުނު ސައުތު ބަތަލާ ރަޝްމިކާ މަންދަނާ ހިމެނެއެވެ.

ކައިވެންޏަށްފަހު އާލިއާއާއި ރަންބީރް ކަޕޫރު 1 ސްކްރީނަކުން ފުރަތަމަ ފަހަރަށް ފެންނާނެކަމަށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީވެސް މިޝޯވްއިންނެވެ.