ދާދިފަހުން ޓީވީ ސީރީސް "ކަސައުޓީ ޒިންދަގީކޭ-2" އިން ފެނިގެންދިޔަ ބަތަލާ އާމްނާ ޝަރީފްގެ މުޅީން އާ ސީރީސްއެއް ސްޓްރީމިން ޕްލެޓްފޯމް ވޫޓްއިން ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ.
"އާދާ އިޝްޤް" ނަމަކަށް ކިޔާ މިސީރީސްއަކީ ވަރަށް ވަރުގަދަ ލޯބީގެ ހާދިސާއަކަށް ބިނާކޮށްގެއް އުފައްދާ ސީރީސްއެކެވެ.
އާމްނާގެ އިތުރުން މިސީރީސްއިން ފެނިގެންދާއީ އެކްޓަރު/މޮޑެލް ގޯރަވް އަރޯރާ އަދި ފިލްމުތަކުންވެސް ފެނިފައިވާ އެކްޓަރު ކުނާލް ރޯއި ކަޕޫރެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ސްޓްރީމްކުރަން ފަށާ މިސީރީސްއަކީ ނަންދީތާ މެހެރާ ޑައިރެކްޓްކޮށް 24 ފްރޭމްސް މީޑިއާއިން ޕްރޮޑިއުސްކުރާ ސީރީސްއެކެވެ.
ޖުމްލަ 5 އެޕިސޯޑްގެ މައްޗަށް އެކުލާވާލާފައިވާ މިސީރީސްއިން ތިނެސްކަން ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭނެއެވެ.
ސީރީސްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަތަލާ އާމްނާ ބުނީ، މިސީރީސްގައި ކުޅެން ލިބުނު ރޯލް ވެގެންދިޔައީ ވަރަށް ޗެލެންޖިންގް ރޯލަކަށެވެ. ސަބަބަކީ، ސީރީސްގައި ފެނިގެންދާ ރޯމާ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ ރޯލްއަކީ، ލޯބީގެ ގުޅުމެއްގައި ބަނދެވިފައިވާ އަންހެންކުއްޖަކަށް ހީވެސް ނުކުރާކަހަލަ ތަޖްރިބާތަކަކާއި ކުރިމަތިލާންޖެހޭ ހާދިސާތަކެއް ދައްކުވައިދޭ ރޯލްއަކަށްވާތީއެވެ.
އިންޑިއާގެ 3 ސަރަހައްދެއްގައި ފިލްމުގެ ޝޫޓިންގް ކުރިޔަށްދާތީވެސް އާމްނާބުނީ ވަރަށް އުފާވާކަމަށެވެ. އެއީ ކަޝްމީރުގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ގުލްމާގް، ސްރީނަގަރު އަދި އިންޑިއާގެ ދެހެރާދޫންއާއި ދާދި ކައިރީގައި އޮންނަ މަސޫރީގައެވެ.
އާމްނާއާއެކު ސީރީސްއިން ދެން ފެނިގެންދާ ބަތަލާ ޕްރަތިބާ ރާންތާ ބުނެފައިވަނީ މިހާ ރީތި ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ސީރީސްއަކުން ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ. ޚާއްސަކޮށް ޑައިރެކްޓަރު ނަންދީތާ މެހެރާ އޭނާ މިސީރީސްއަށް ހޮވާފައިވަނީ ވަރަށް ބޮޑަށް އޭނާގެ މަސައްކަތަށާއި ހުނަރަށް އިތުބާރުކުރެވޭތީ ކަމަށްވެސް ގަބޫލުކުރާކަމަށް ބަތަލާވަނީ ބުނެފައެވެ.
ބަތަލާ އާމްނާ ޝަރީފް އެންމެ ފުރަތަމަ މަޝްހޫރުވީ 2007 ވަނަ އަހަރު އެކްޓަރު ރާޖީވް ކަންޑެލްވާލްއާއެކު ކުޅުނު ސީރީސް "ކަހީން ތޯ ހޯގާ" އިންނެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ 2012 އިން 2013 އަށް ސޮނީ އިން ދެއްކި ސީރީސް "ހޯންގޭ ޖުދާ ނަހަމް" ނަމަކަށްކިޔާ ސީރީސްއަކުންނެވެ.
މިސީރީސްއަށްފަހު އާމްނާވަނީ ޓީވީ ހަޔާތައި ތަންކޮޅެއް ދުރަށްޖެހިލާފައެވެ. ފިލްމު ޑިސްޓްރިބިއުޓަ/ޕްރޮޑިއުސަރު އަމިތް ކަޕޫރާ ކައިވެނިކުރުމަށްފަހު އޭނާ ޓީވީ މަސައްކަތްތަކުން ބޮޑަށް ދުރުހެލިވީ އަލަތު ދަރިފުޅަށް ވަގުތު ދިނުމަށްޓަކައެވެ.
އެއަށްފަހު ދެން އަލުން އެނބުރި ޓީވީ ހަޔާތާ އޭނާ ގުޅުނީ ކާމިޔާބު ސީރީސް "ކަސައުޓީ ޒިންދަގީކޭ -2" ގެ މަޝްހޫރު ކެރެކްޓަރ ކޮމަލިކާގެ ރޯލްއިންނެވެ.