ހަދިޔާ ބަދިޔާ ބަދަލުކުރުމަކީ އިސްލާމީ ރިވެތި ސިފައެކެވެ. އެކަން ކުރުމަށް ދީން ނުހަނު ބާރު އަޅާ ކަމެކެވެ. އެކަކު އަނެކަކަށް އޮތް ލޯބި ރަމްޒުކޮށްދޭ ކަމެކެވެ.
ހަދިޔާ ބަދަލުކުރުމަށް ވަކި އިރެއް، ސާއަތެއް، ވަގުތެއް، މުނާސަބާއެއް ނޯވެއެވެ. ކޮންމެ އިރަކު ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު މުނާސަބާއަކާ ގުޅުން ނެތް ގޮތަކަށް ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެއް އަހަރެމެންގެ ތެރޭގައެއް މިހާރު ނޯވެއެވެ. ފަހަރުގައި މި ކަމުގެ މުހިންމުކަމާއި ކުރާ މަންފާ އެނގިފައި ނެތީއެެވެ. ކަމުގެ ރަނގަޅުކަން އެނގިފައި ނެތީއެވެ.
ހިތުގެ އަޑިން އިހުލާސްތެރިކަމާއެކު ދޭ ހަދިޔާއަކަށް ވުރެ ވަކި އަގު ބޮޑު އެއްޗެއް ނެތެވެ. މިސާލެއް ދަންނަވަންތޯއެވެ؟ ކައިވެނީގެ ހަފުލާއަކަށް ދާއިރު އެހެން މީހުން ވެސް ހަދިޔާ ގެންދާނެތީ ހަދިޔާއެއް ހިފައިގެން ދިއުމާއި، އެކަކު ނުދިނަސް ތިބާގެ ހިތްހެޔޮ ކަމުން ދޭ އެއްޗެއްގެ ގޮތުގައި ހަދިޔާއެއް ދިނުން ހާސްބައި ތަފާތެވެ.
ދެން ކުރިން ފާހަގަކުރި ނުކުތާއަށް އަނެއްކާ ވެސް ޖެހިލާނަމެވެ. ހަދިޔާ ދޭންޖެހެނީ ކޮންމެހެން މުނާސަބާއަކާއި ގުޅިގެން ހެއްޔެވެ؟ ނޫނެކެވެ. ހަދިޔާ ދިނުމަކަށް އީދެއް، ހުކުރެއް، ހޮނިހިރެއް ނޯވެއެވެ. ގާތްތިމާގެ މީހަކަށް ނުވަތަ އެކުވެރިޔަކަށް ހަދިޔާ ދިނުމަށް ކައިވެނި ހަފުލާއަށް ނުވަތަ ދަރިއަކަށް ނަން ކިޔުމުގެ އުފަލުގައި ބާއްވާ ހަފުލާއަށް ނޫނީ އީދު ދުވަހަކަށް މަޑުކުރާކަށް ނުޖެހެއެވެ. ތިބާއަށް ލިބޭ މިންވަރަކުން އަބަދުވެސް ހަދިޔާ ދިނުމުގެ އާދަ ގެންގުޅެން ޖެހެއެވެ.
ﷲ އަށްޓަކައި މީހުންދެކެ ލޯބިވުމަކީ ނުހަނު ފަސޭޙަ އަޅުކަމެކެވެ. އަދި އެއީ ހިތްހަމަޖެހުމާއި އެކަނިވެރިކަން ފިލުންވެސް އޭގައި އެކުލެވިގެންވާ ކަމެކެވެ. އީމާންކަން އިތުރުވާ ވަރަކަށް އެކަންވެސް އިތުރުވެއެވެ. އަދި ނަސޭޙަތްތެރިވުމާއި ސިއްރު ރައްކާތެރިކޮށްދިނުމާއި ތިބާގެ އަޚާއަށް ފައިދާކޮށްދިނުމާ އަދި ގެއްލުން އެއްކިބާކޮށްދިނުމުންވެސް އެކަން އިތުރުވެއެވެ.
އެލޯބީގެ ތެދުވެރިކަމުގެ ހެއްކަކީ ވަފާތެރިކަމާއި އަމާނާތްތެރިކަމާ އަދި ހަދިޔާ ބަދަލުކުރުން އޭގައި ހިމެނުމެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((تَهَادُوا تَحَابُّوا)) [رواه البخاري في الأدب المفرد]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ހަދިޔާ ބަދަލުކުރާށެވެ. އޭރުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާނެއެވެ.”
މުއުމިނުންނަކީ އަޚުންތަކަކަށްވީ ހިނދު އެބައިމީހުންނަށް އަމުރުވެވިގެންވަނީ އެބައިމީހުންގެ ހިތްތައް އެކުވެރިވެ އެއްބައިވާ ފަދަ ކަންކަންކުރުމަށެވެ. އަދި ހިތްތައް ނަފުރަތުވެ ބައިބައިވާފަދަ ކަންކަމުން ދުރުހެލިވުމަށްވެސް އަމުރުވެވިގެންވެއެވެ.
ހަދިޔާ ބަދަލުކުރުގެ ރީތި އާދަ އަލުން އަށަގަންނަވައި ހިފަހައްޓަމާ ހިނގާށެވެ.