ތިރީގައި މިވަނީ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
(ދެވަނަ ބައި - 23 އޭޕްރީލް 2022 އާ ގުޅޭ)
އެއްރެއެއްގެ އިޝާނަމާދުން ފައިބާގެން މުނީރު ހިނގައިގަތީ ވާންއުޅޭ އަނބިމީހާ ސަކީނާމެން ގެއާއި ދިމާލަށެވެ. އެއީ މުނީރަކީ ވާންއުޅޭ ދަނބިދަރި ކަމުން ހުރިހާ ވަގުތެއްގެ ކެއުން ހަމަޖެހިފައި އޮންނަނީ އެގެއިންކަމުގައި ވާތީއެވެ. މަގު ކުރުކޮށްލުމުގެ ބޭނުމުގައި ރުއްގަނޑު ތެރެއިންލާފައި މުނީރު ހިނގައިގަތެވެ. ރުއްގަނޑުގެ މެދަކާއި ހަމައަށް ދެވުނުތަނުން ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލައިލަން އެނބުރިގަންނަމުން ކައްޗަށްއެޅި ފިޔަވަޅާއިއެކު އަރައިގެންހުރި ބައު ފައިވާންގަނޑު ތޮރުފާލާފައި މުނީރުގެ ފަޔަށް އެއްޗެއް ހެރިއްޖެއެވެ. މުނީރަށް ކުޑަ ސިހުމަކާއިއެކު ވަގުތުން ތިރިވެ ދައްފައި ބަލައިލެވުނެވެ. އެއާއިއެކު ކުއްލިޔަކަށް ކައިރީގައިހުރި ރުކުގައި އެއްޗަކުންޖެހި އެ ޖެހުނު އެއްޗެއް ވިއްސައިގެންދިޔަ އަޑު އިވުނެވެ. ނަމަވެސް މިކަންކަމަކާއި މުނީރު ފަރުވާލެއް ނުބަހައްޓައެވެ. މުނީރު ހޭބޯނަރައިގެން އުޅުނީ އޭނާގެ ފަޔަށް ވަރަށް ފުންކޮށް ވަދެފައި އެއިން މޮހޮރު ލުއްސައި ލެވޭތޯއެވެ. ނަމަވެސް ލޭމަނާކުރާނެ ގޮތެއްނެތި އުފުރާލުން ބުއްދިވެރި ނުވާނެކަމަށް ގަބޫލުކުރެވުމާއިއެކު ކޮރުޖަހަމުން, ރުއްތަކުގެ އެހީގައި މުނީރު ހިނގައިގަތީ ކުރިޔަށެވެ. ތަންކޮޅަކަށް ދިޔަތަނުން އެއްޗެއްގައި އަޅައިގަތުމުން ބަލައިލިއިރު އެއީ ކަތިވަޅިއެކެވެ. މުނީރު ވަޅި ނަގައި ރުކެއްގެ ބުޑަށް އެއްލާފައި މޮހޮރެއްނޫނޭ އަދި ކަތިވަޅިއެއްވެސް ހެރޭނެ! އޭ ހިތާއި ހިތުން ކިޔަމުން ހިނގައިގަތެވެ.
ދޮރުމަތީގައި ލަސްވެގެން ކެތްމަދުވެފައިހުރި ސަކީނާއަށް މުނީރު ކޮރުޖަހަމުން އަންނަތަންފެނި ބޭއިހްތިޔާރުގައި އެދިމާލަށް ދުއްވައިގަނެވުނެވެ. ކިހިނެއްވީ! އެއްޗެއްހެރުނީތަ؟ ހާސްވެފައިހުރި ސަކީނާ މުނީރު އަތުލަފިކޮށްލަމުން އަހާލިއެވެ. ނޫން! އަހަރެން މޮހޮރެއް މައްޗަށް ފުންމާލީ! މުނީރުބެލީ ސަމާސާ ކޮށްލައިގެން ސަކީނާގެ ހާސްކަން ފިލުވައި ލެވޭތޯއެވެ. ސަކީނާ ދުއްވައި ގަތްއަޑަށް އޭރު އައިސަ ގޭތެރޭގައި ހުރެފައި ބޭރަށް ނިކުތެވެ. އައިސައަށްވެސް އަހާލެވުނީ ހަމަ އެއް ސުވާލު ތަކެކެވެ. ނަމަވެސް މުނީރުގެ ބަދަލުގައި ޖަވާބުދިނީ ސަކީނާއެވެ. ސަކީނާގެ އެހީގައި މުނީރުގޮސް ފެންޑާގައި އެލުވާފައިހުރި ބޮޑު އުނދޯލީގައި އިށީނެވެ. އެވަގުތު މުދިންބެއާއީ ވާހަކަތަކެއް ދައްކަމުން މަނިކުބޭ ގެޔަށް ވަންނަނީއެވެ. މަނިކުބެއާއި މުދިންބޭގެ އެހީގައި ސަކީނާ މުނީރުގެ ފައިގައި އިން މޮހޮރު ލުހެލައި، ލޭމަނާކޮށް ތެޔޮކަފަ ހޫނުކޮށް ފައިގައި ޖައްސާ ވިހަ ކަނޑުވާފައި ބޭސްއެޅިއެވެ.
ދަރިފުޅާ ބައްޕަ މިދައްކަނީ މުދިންބެ ކައިރީ އޮޑި ބާލަން ރަނގަޅު އިރުވަރެއްގެ ވާހަކަ މުދިންބެ އެ ވިދާޅުވަނީ އަންނަ ބުރާސްފަތި ދުވަސް ރަނގަޅު ވާނެކަމަށް! އެކަމަކު އެހާތަނަށް ދަރިފުޅުގެ ފައި ފަސޭހަވާނެހެނެއް ހިޔެއްނުވޭ! އަނެއްކޮޅުން ކައިވެއްޔަށް މިހާރު މިއޮތީ 8 ދުވަސް! ކައި ނިމިގެން ދުފަން ތިބެފައި މަނިކުބޭ ބުނެލިއެވެ. އެއާއިއެކު މުދިންބެއަށް ބަލާލާފައި މުނީރު ހިނިގަނޑެއް ޖަހާލިއެވެ. މިއީ އެވަރުގެ ކަމެއްނޫން! މިކަހަލަ ކިތަންމެ މޮހޮރެއް ހެރިގެން މިވަރުވެފަ މިހުރީ! އެހެންވީއިރު މި އަދި ކޯންޗެއް! މުނީރުގެ ހިތްވަރުގަދަ ބަސްތަކަށް މަނިކުބެ ވަރަށް ފަހުރުވެރިވިއެވެ. އެފަދަ އަޒުމު ވަރުގަދަ ހިތްވަރުގަދަ ދަނބިދަރިއެއް ލިބޭތީއެވެ. ކޮންމެ ހާލެއްގައި ނަމަވެސް ސަކީނާ ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
ދުފައި އަވަދިވެގެން އަނގަތަޅާލަން ތިބެފައި މުދިންބެ ދިއުމުން މުނީރުވެސް ދަނީއޭ ބުނެފައި ހިނގައިގަތެވެ. ނަމަވެސް ފަޔަށް ލިބިފައިއިން ޒަހަމްގެ ސަބަބުން އޭނާއަށް ހިނގޭވަރެއް ނުވިއެވެ. މިރޭދެން ތިޔަ ހާލާގެން ދާނެކަމެއްނެތް! މިތާ ބޮޑު އުނޑޯލީގައި އޮށީވެލާ! އަންނާނަން ބާލީހެއް ހިފައިގެން! ނުހިގިގެން ކޮރުޖަހާ މަންޒަރު ބަލަން ހުރެފައި އައިސަ ބުނެލިއެވެ. މި ހިޔާލު މަނިކުބޭއަށްވެސް ކަމުދިޔައެވެ.
ބުރާސްފަތިދުވަހުގެ ފަތިހެވެ. ނަމާދުކޮށް އަވަދިވެގެން މުނީރު ހިނގައިގަތީ އޮޑިހަރުގެއާއި ދިމާލަށެވެ. މިއަދަކީ މުދިންބެ އިރުޝާދުގެ ދަށުން މަނިކުބޭގެ އޮޑި ބާލަން އެންމެ ރަނގަޅު ދުވަސްކަމުން މެންދުރު ވުމުގެކުރިން އޮޑި ބޭލޭތޯ ކުރަންހުރި މަސައްކަތްތަށް ކުރުމަށެވެ. ހަރުގެޔަށް ދިޔައިރު އެތާގައި ކެއުޅުބެއާއި އަދި ދެތިންކުއްޖެއް މަސައްކަތުގައި އުޅެއެވެ. މުނީރުވެސް ކޮންމެސް ވަރަކަށް މަސައްކަތް ތަކުގައި ބައިވެރިވެލާ ހެދިއެވެ. ނަމަވެސް ފަޔަށް ލިބިފައިހުރި ޒަހަމް އެއްކޮން ފަސޭހަނުވާތީ މާ ބުރަކޮށް ނޫޅެވުނެވެ. ކުޑަ އިރުކޮޅަކު މަސައްކަތުގައި އުޅެލާފައި އެންމެން ސައިބޯން ގެޔަށް ފޮނުވާލިއެވެ. މަޑު ހިނގުމެއްގައި މުނީރު ހިނގައިގަތީ ދިޔަވަރު ހުރިވަރެއް ބަލައިލަން ހަރުގެތެރެއިންލާފައި ގޮނޑުދޮށަށެވެ. ފޫދެމުން އަންނަ ދިޔަވަރަށް ނަޒަރުހިންގާލައި އޮޑި ބާލަން އެންމެ ރަނގަޅު ވަގުތު އަންދާޒާ ކޮށްލިއެވެ.
ކަން ދިމާކުރިގޮތުން މުނީރުއަށް ހުއްޓެވުނީ ގުންޑޮޅިއާއި ފުދޭވަރަކަށް ގާތުގައެވެ. މާ ގިނައިރުތަކެއްނުވެ މުނީރުގެ ބަރަށް ގުންޑޯޅި ކަނޑައިގެންގޮސް އަނގަވަތަށް ކަހަލަގޮތަކަށް ވެއްޓިއްޖެއެވެ. އަދި ހަމަ އެވަގުތު މުނީރުގެ ބޮލުގައި ޖެހޭ ނުޖެހޭފަށުން ވޫސްލާފައި ފިލާބުރިއެއް ހޫރިގެންގޮސް ރާޅުޖަހާފަށައް ވެއްޓުނެވެ. ގުންޑޮޅި ކަނޑައިގެން ވެއްޓުނުވަގުތު މުނީރު އެއްލި ކަޅިންއަކުން ހަރުގެތެރެއިން ތަންކޮޅެއް ބިއްދަށުން އަނދިރިގަނޑުތެރެއިން މީހަކު ދުއްވައިގަތްތަން ފެނުނެވެ. ވެއްޓުމާއިއެކު ތެޅިގަނެފައި މުނީރު ތެދުވިއެވެ. އަދި ކާކުތޯ ވާރަށް ބާރަށް ސުވާލު ކޮށްލިއެވެ. ޖަވާބެއް ނުލިބުމުން ހަރުގެއާއި ތަންކޮޅެއް ކައިރިވެލާފައި އެތެރެ ބަލައިލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ. ކުރިން އަދިރިގަނޑުގައި ކޮންމެވެސް މީހެއް ހުރިކަން އޭނާޔަށް ޔަގީނެވެ. ނަމަވެސް މިހާރު އެތާގައި އެކަކުވެސް ނެތެވެ. ކޮންމެވެސް ވަރަކަށް ހާސްވެފައިހުރި މުނީރު އަވަސްވެގަތީ ބަފައިބެ ގެއާއި ދިމާލަށެވެ. ތަންކޮޅަކަށް ހިނގައިގެންފައި އަލުން އަނބުރާ ހަރުގެ ތެރެޔަށް ވަނެވެ.
އަރަމުން އައި އިރާއިއެކު ހަރުގެތެރެޔަށް ވަނީ އަލިކަން ފެތުރިފައެވެ. މުނީރު ހަރުގެތެރެ ރަނގަޅަށް ހޯދާބަލައިލިއެވެ. ފިލާވިޔަސް މީހަކު ހުރިތޯ ޔަގީން ކޮށްލުމަށެވެ. ހަރުގެތެރޭގައި މުނީރު ފިޔަވައި އިތުރުމީހެއް ނެތްކަން ޔަގީނެވެ. އެއާއިއެކު އޭނާ މަޑު ހިނގުމެއްގައި ދެންހިނގައިގަތީ ވެއްޓެން ދިޔަވަގުތު އޭނާގެ ލޮލުގައި އަޅައިގަތް މީހާ ހުރި އަނދިރި ހިސާބަށެވެ. އެހިސާބެއް މިހާރު އަނދިރިއެއް ނޫނެވެ. އިރުގެ އަލި ރީއްޗަށް ފޯރައެވެ. ތަންދޮރު ރީތިކޮށް ވަކިވެއެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު މުނީރު އެހިސާބުގައި ހުރި ފިޔަވަޅުތަކަށް ބަލައިލިއެވެ. ފިޔަވަޅުތަށް ހުރީ ހަރުގޭގެ ބާގަނޑަކުން ވަދެގެން އައިސް އެހިސާބުގައި މަޑުކޮށްލުމަށްފަހު ދުވެފައި ބާގަނޑުން ނުކުމެގެން ހަރުގެއިން ބޭރަށެވެ. އެއީ ފެން ފައިވާނެއްގެ ފިޔަވަޅުތަކެވެ. ގައިމުވެސް ކެޔޮޅު ބެއާއި ހަރުގެ ކުދިން ދިޔަތާ މާގިނައިރެއްނުވެ އަލުން ހަރުގެއަށް ވަދެވޭނީ އެކުދިންނަށް ފެނިގެން އައި މީހެކެވެ. ނުވަތަ އެތަނުން މީހެއްކަން ކަށަވަރެވެ.
މަނިކުބޭ ސައިބޯން ފެށިއިރުވެސް މުނީރު އިނީ ގުރުޑުވެފައި އިންކަހަލަ ގޮތަކަށެވެ. މިކަމާ މަނިކުބޭ ސުވާލުކުރުމުން މުނީރު ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. މޮހޮރު ހެރުނުރޭ މީހަކު ފަހަތުން އައިހެން ހީވި ކަމާއި މިއަދު ހަރުގެތެރެއިން މީހަކު ލަކުޑިބުރިއެއް އޭނާއާއި ދިމާލަށް އެއްލި ވާހަކައެވެ. ކާކުކަން ނޭނގޭ ކަމަށާއި އެކަމަކު އެމީހަކު ހުރި އަނދިރި ގަނޑަކީ މަޑުފަސް ކަމުން އެމީހެއްގެ ފައިވާނުގެ ފިޔަވަޅު ރީތިކޮށް އެތާގައި ހުރި ވާހަކައެވެ. އަދި ފައިވާނުގެ ފިޔަވަޅުތަކުގައި ހާއްސަކަމެއް ހުރިކަމަށާއި އެއީ އެއް ވަދާއި ދިމާލުން ވަދު ނެއްޓިދާނެތީ ފައިވާނުގެ ފަހަތުން ބޮޅެއްފަދަ އެއްޅެއް އަޅުވާފައި އިންކަމުގެ ނިޝާން ފާޅުވާންހުރި ވާހަކައެވެ. އެއީ އެފަދަ ނިޝާނެއް ފައިވާނުން މަޑުފަސްމަތީ ބިންވަޅު ނެގިފައިހުރި ލިޝާންތަކުން ސާފުކޮށް އެނގެން ހުރީމައެވެ. މުނީރުގެ މިވާހަކަތަށް އަޑުއަހަން އިނދެފައި މަނިކުބެއަށް އެއްޗެއް ހަނދާންވިއެވެ. މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ތަޣައްޔަރުވިއެވެ. ދެން ހަރުގެއަށް ދާނީ ތިމަންނާއާއި އެކުގައޭ ބުނެފައި އަވަސް އަވަހަށް މޮޑެފައިހުރި ރޮށިތަށި ކާންފެށިއެވެ.
މަނިކުބޭ ކައި އަވަދިވެގެން އޮޑި ހަރުގެއަށް ދިޔައީ މުނީރު އާއި އަދި މަނިކުބޭގެ އެއްބަނޑު އާދަނާއި އެކުގައެވެ. ހަރުގެއަށް ވަތްއިރު ކެއުޅުބެއާއި އަދި ދެތިން ކުއްޖަކު މަސައްކަތުގައި އަވަދިނެތި އުޅުނެވެ. މަނިކުބޭ އެންމެންގެ ފައިތިލައަށް ވަރަށް ވިސްނުންތެރި ކަމާއިއެކު ވަކިވަކިން ބަލައިލިއެވެ. ނަމަވެސް އެކެއްގެވެސް ފައިވާނެއް ނެތެވެ. ކެޔޮޅުބޭ ފިޔަވައެވެ. މަނިކުބޭ މަސައްކަތުގައި އުޅުނު ކުދިންނަށް ގޮވާލާފައި ކުނބު އޮންނާނެ ގޭދޮށުގަ! ހަރުކޮށް ގޮސް އެ ހިފައިގެން އަންނާށޭ ބުނުމުން އެކުދިންތަށް ހިނގައިގަތެވެ. އެކުދިން ދިއުމުން މަނިކުބެ ކެޔޮޅަށް ގޮވާލިއެވެ. އަދި އައިސްބަލާށޭ ބުނެ އަތުން އިޝާރާތް ކޮށްލިއެވެ. މިހާރުދެން މި ނިމެނީ! އަށެއް ޖަހަންވާއިރަށް އޮޑި ބޭލޭނެ! ކަމުގެ ޔަގީންކަންދެމުން ކެޔޮޅުބޭ އައިސް މަނިކުބޭމެން ކައިރީހައި ހުއްޓިލިއެވެ.
ކުއްލިޔަކަށް އާދަނު ކެޔޮޅު ކަލޭގެ ދެއަތް ފުރަގަހަށްލައި ހައްޔަރުކޮށް ހިފަހައްޓައިފިއެވެ. އެއާއިއެކު މަނިކުބޭ ގުދުވެ ކެޔޮޅުކަލޭގެ ފައިވާން ދަމައިގަނެ ބިންމަތީގައި ފައިވާންކިބަ ޖަހައި ތައްގަނޑު އަރުވާފައި އެ ނިޝާންތަށްހުރީ މިހެންތޯ މުނީރުއާއި ސުވާލު ކޮށްލިއެވެ. ބުނާނެ އެއްޗެއްނޭގިހުރެ މުނީރު ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ. މީގެކުރީ މަހަށްގޮސް އުޅުމުގައި މުނީރު ސަކީނާއާއި އިނަކަ ނުދޭނަމޭބުނެ ކެޔޮޅުބޭ ވާހަކަ ދެއްކިކަން ފަޅުވެރިކުދިން އޮތީ މަނިކުބެ ކައިރީގައި ކިޔައިދީފައެވެ. އަދި ސަކީނާގެ ކައިވެއްޔަށް މާލެއިން އެއްޗެހި ގެންނައިރު 14 ނަންބަރު ފައިވާންގަނޑެއް ކެޔޮޅުބެއަށް ގެންނެސްދިނުމަށް މަނިކުބެ ކައިރިން އެދުނު ހަނދާންވެސް މަނިކުބޭހުއްޓެވެ. މަނިކުބޭއަށް ހުރިހާކަމެއް ނަގައިގަންނަން ފަސޭހަވީ މި ސަބަބު ތަކަށްޓަކައެވެ. އާދަނު ރުޅިވެރި ގޮތަކަށް ކެއޮޅުގެ ދެއަތް ފަހަތަށް ބާރުކޮށްލާފައި ހުރިހާވާހަކައެއް ތެދަށް ކިޔައިދިނުމަށް އެދުނެވެ. ދެ ކޮނޑުހުޅާއިއެކު އަރިކަށްޓަށް އަރައިގަތް ތަދާއިއެކު މާފުކުރޭ ! މިކިޔާދެނީ! މިކިޔާދެނީއޭ ކިޔައި ކެޔޮޅުބޭ ރޯންފެށިއެވެ.
މަހަށް ދާންފެށީންސުރެ ކެޔޮޅުބޭގެ އިސްމާއިލާއި ސަކީނާގެ ކައިވެއްޔަށް އެދޭކަމަށާއި އަދި ސަކީނާއާއި މުނީރު ގުޅުމުން އެކަމާ ހަސަދަވެރި ވެވުނީކަމުގައި ކެޔޮޅުބެ ކިޔައިދިނެވެ. އަދި މީގެކުރިން ކެއޮޅުބޭގެ އިސްމާއިލާއި ސަކީނާ ދެވާނަމޭ ބުނެ ބަޔަކުކައިރީ އެވާހަކަ ދެއްކިފައި އޮތަތީ އެމީހުން މިހާރު ކެޔޮޅުބޭއަށް ކުރާ މަލާމާތުގެ ސަބަބުން މުނީރުދެކެ ނަފުރަތު ކުރެވުނީކަމުގައި ކެޔޮޅުބޭ ބުންޏެވެ. އެއްރޭ މުނީރުގެ ދުވަސް ދުއްވާލުމަށް ކަތިވަޅިއެއް ބޮލަށް އަމާޒުކޮށް އެއްލިމަކަށާއި ނަމަވެސް އޭނާގެ ނަސީބު ހުރިގޮތުން ފަޔަށް މޮހޮރެއްހެރި, މޮހޮރު ނައްޓަން ގުދުވި ވަގުތު ކަތިވަޅި ރުކެއްގައިޖެހި ވިއްސައިގެންދިޔައީ ކަމުގައި ބުންޏެވެ. އަދި އޮޑިހަރުގެތެރޭގައި ފިލާހުރެ ފަޅުވެރިން ދިޔަވަގުތު ފިލާބުރި ހޫރާލީ މުނީރުގެ ދުވަސް ދުއްވާލަންކަމުގައި ކެޔޮޅުބޭ އެއްބަސްވިއެވެ. (ނިމުނީ)