2022 ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި، ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ 2022 ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ތަފާސްހިސާާބުތައް މިއަދު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެކުއާޓަރުގައި ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ އިރު މިއީ ނިމިގެން ދިޔަ ކުއާޓަރއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 18 އިންސައްތަ މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ވުރެ 55 އިންސައްތަ އިތުރު އަދަދެއްވެސްމެއެވެ.

ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޜަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުންކަމަށް ބޭނުން ބުނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.

ބޭންކުން ބުނީ، ނިމިގެންދިޔަ ކުއާޓަރުގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައިކަމަށެވެ.

މީގެއިތުރުން މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރެވިފައިވާކަމަށެވެ. އެގޮތުން 4 ރަށެއްގައި ސެލްފްސަރވިސް ބޭންކިންގ ހިދުމަތް ތައާރަފްކުރިކަމާއި، ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ހިންގާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ ބޭންކަށް ލިބުނު އުފަލެއްކަމަށެވެ. ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް ދެމެހެއްޓެމުންދާކަން ޓިމް ފާހަގަކުރެއްވިއެވެ.

"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެބޭންކުން ބުނެއެވެ.