ހަގީގަތް ބެލުމެއް ނެތި ކުޑަކުދިންނާ ގުޅުންހުރި ވާހަކަ ނުދެއްކުމަށް ޖެންޑަރ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ، އދގެ މައި މަރުކަޒުގައި އިއްޔެ އދގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު އިމާމްވެ، ކުރެއްވި ހުކުރު ނަމާދުގައި، ފުރަތަމަ ސަފުގައި ނަމާދުކަރަން އަންހެނެއް ހުރިކަމަށްބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ޕޯސްޓްތައް އާންމުކުރަމުން ދާތީއެވެ.

މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފުރަތަމަ ސަފުގައި ނަމާދުކަރަން ހުރީ، ރާއްޖޭން އ.ދ އަށް ފޮނުވާފައިވާ ޑިޕްލޮމޭޓެއްގެ ފިރިހެން ދަރިފުޅެއްކަމަށެވެ. މިނިސްޓްރީން ބުނީ، ހަގީގަތް ބެލުމެއްނެތި ކުޑަކުދިންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެކި މޭރުމުން ވާހަކަދެއްކުމަކީ، ކުދިންގެ ކަރާމާތަށް ގެއްލުންވާނެ ކަމެއްކަމެއްކަމަށެވެ. އެެހެންކަމުން، މިނިސްޓްރީން ވަނީ މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ.ގެ މައި މަރުކަޒުގައި އިމާމުވެ އިއްޔެ ހުކުރު ނަމާދު ކުރެއްވިއިރު، މިއީ އދ. ގެ ތާރީހުގައިވެސް ދިވެއްސަކު، އދ.ގެ މައިމަރުކަޒުގައި ހުކުރު ނަމާދު އިމާމުވެކުރެއްވި ފުރަތަމަ ފަހަރެވެ.

އިއްޔެގެ އދ.ގެ މައި މަރުކަޒުގައި ކުރި ހުކުރު ނަމާދުގައި އިސްލާމީ ޤައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެޤައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި، އދގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވެޑައިގަތެވެ.