ފުޓުބޯޅައިގެ ސުޕަރ އެޖެންޓެއްގެ ގޮތުގައި ނިސްބަތްކުރެވޭ މިނޯ ރައިއޯލާ މަރުވެއްޖެއެވެ.

ރައިއޯލާ މަރުވިކަން ކަށަވަރުކޮށްދީ އޭނާގެ އާއިލާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

ރައިއޯލާގެ މީސްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ކުޅުންތެރިންނާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ދެވަނައެއް ނެތް ފުޓުބޯޅަ އެޖެންޓް މިނޯ ރައިއޯލާ މަރުވިކަން ކަށަވަރުކޮށްދޭ ކަމަށާއި، ކުޅުންތެރިންގެ ޓްރާންސްފަރ ނެގޯޝިއޭޝަން ތަކުގައިވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ވަރުގަދަ މަސައްކަތްތަކެއް ކުރިހެން، ބަލި އެނދުގައި މަރުވުމާއި ހަމައަށްވެސް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި މި ޒަމާނުގެ ފުޓުބޯޅައިގެ ތާރީހުގައި މުޅިން އައު ސޮފްހާއެއް ލިޔެ، މި ކުޅިވަރުގައި ކުރި މިންނެތް މަސައްކަތްތަކާއެކު އެތައް ބައެއްގެ ހިތުގައި ރައިއޯލާ އަށް ހާއްސަ މަގާމެއް ދީފައިވާކަމަށާއި، އޭނާގެ މުޅި އާއިލާ އޭނާ އާއިމެދު ފަޚުރުވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ރައިއޯލާ މަސައްކަތް ކުރީ ފުޓުބޯޅައިގައި ކުޅުންތެރިންނަށް ފަސޭހަ، ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ކަމަށާއި، އެންމެހާ ފަރާތްތަކުން ލިބުނު އެއްބާރުލުމަށާއި، މި އުނދަގޫ ދަނޑިވަޅުގައި އެންމެންގެ ފަރާތުން ލިބެމުންދާ ލޯތްބާ، އޯގާތެރިކަމަށް މި ބަޔާނުގައި ޝުކުރު އަދާކޮށްފައިވެއެވެ. އަދި މި ދަނޑިވަޅުގައި އާއިލާ އަށް ބޭނުންވާ ފުރިހަމަ "ޕްރައިވަސީ" ދިނުމަށްވެސް ރައިއޯލާގެ އާއިލާގެ ފަރާތުން އެދިފައިވެއެވެ.

އުމުރުން 54 އަހަރުގައި ރައިއޯލާ މަރުވިއިރު، މި ހަފްތާގެ ކުރީކޮޅުގައިވެސް އޭނާ މަރުވެއްޖެކަމަށްބުނެ ބައެއް މީޑިއާތަކުން ދޮގު މައުލޫމާތުތަކެއް ފެތުރުމުން އެކަމާ ހިތްހަމަނުޖެހި ރައިއޯލާ ވަނީ ޓުވީޓެއް ކޮށްފައެވެ.

ރައިއޯލާ އަކީ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އާއި، ސްވިޑެންގެ ޒްލަޓަން އިބްރަހިމޮވިޗްގެ އިތުރުން މިހާރު ފުޓުބޯޅައިގައި އެންމެ ޑިމާންޑް ބޮޑުވެފައިވާ އެއް ކުޅުންތެރިޔާ ކަމުގައިވާ އާލިންގ ބްރައުޓް ހާލަންޑުގެ އެޖެންޓެވެ. މީގެއިތުރުން އިޓަލީ އާއި ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި އިޓަލީގެ މާރިއޯ ބަލޮޓެލީގެ އިތުރުން އިންޓަރ މިލާނުގެ ޑެންޒެލް ޑަމްފްރީސްގެ އެޖެންޓަކީވެސް ރައިއޯލާ އެވެ.

މީގެއިތުރުން 2019 ވަނަ އަހަރުގައި މެތިއަސް ޑެލިޓް އަޔެކްސް އިން ޔުވެންޓަސް އަށް ބަދަލުވި ޓްރާންސްފަރގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން، މިދިޔަ އަހަރު ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ޕީއެސްޖީ އަށް ބަދަލުވިއިރު، އެކަމުގެ އެންމެހާ ކަންކަމެއްވެސް ހަމަޖެއްސީ ރައިއޯލާ އެވެ.