ރަމަޟާންމަހުގެ ފަހު ދުވަހު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތަކަށް އިސްލާމިކް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފިއެވެ.

1 މެއި 2022 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދުވަސްކަމަށް ކަނޑައެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ފިޠުރު ޒަކާތް ބަލައިގަތުމުގެ ގަޑިތަކަށް ގެނައި ބަދަލުގައި ބުނެފައިވަނީ، އާދީއްތަދުވަހު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ.

ހަމައެއާއެކު، ގޮވާމުން ފިޠުރު ޒަކާތް ބެހުންވެސް އޮންނަނީ މާދަމާ އެގަޑީގައި ކަމަށް ބުނެފައި ވެއެވެ. ގޮވާމުން ފިޠުރު ޒަކާތް ދޫކުރާނީ މާލޭގައި ސީއެޗްއެސްސީގައެވެ.

މީގެއިތުރުން، އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މާދަމާ ފިޠުރު ޒަކާތް ބަލައިގަތުން އޮންނާނީވެސް ހެނދުނު 10:00 އިން 12:00 އަށެވެ.

މިގޮތަށް ގަޑިތައް ހަމަޖެހުނު ނަމަވެސް، ބަނޑޭރި ޕޭ މެދުވެރިކޮށް، ރަމަޟާންމަހުގެ އެންމެފަހު ދުވަސް ކަމަށްވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6 ޖަހަންދެން އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމާއި ދޫކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.