2005 ވަނަ އަހަރު ރިލީޒްވި ހެއްވާ މަޖާ ކޮމެޑީ ފިލްމު "ނޯ އެންޓްރީ" ގެ ސީކުއަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފިއެވެ.

މިދިޔަ އަހަރު ފިލްމުގެ ވާހަކަ ފެންމަތިވެފައިވީ ނަމަވެސް މިސީކުއަލްއާބެހޭ މާގިނަ ތަފްސީލެއް އޭރު ހާމަވެފައެއް ނެތެވެ.

2005 ވަނަ އަހަރު ރިލީޒްވި ފިލްމުގެ ޕްރޮޑިއުސަރަކީ ބޮނީ ކަޕޫރު ނަމަވެސް މިފަހަރުގެ ސީކުއަލްގައި އޭނާ ޕްރޮޑުއިސަރުގެ މަގާމެއް ނުފުރާނެއެވެ. އެހެންނަމަވެސް ފިލްމުގެ އާމްދަނީން ލިބޭ ފައިދާ ބޮނީއާވެސް ހިއްސާކުރުމަށް ނިންމާފައިވާކަމަށް މީޑީއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެ ތައްޔާރުކޮށްފައިވާ ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފައިވަނީ ފިލްމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތާ ބެހޭގޮތުން މިހާރުވަނީ މަޝްވާރާ ބައްދަލުވުންތައްވެސް ބޭއްވިފައެވެ.

މިފަހަރުގެ ސީކުއެލްގެ މެއިން ލީޑްއިން ފެނިގެންދާނެ ތަރިންނަކީ، އެކްޓަރު ސަލްމާން ޚާން، އަނިލް ކަޕޫރު އަދި ފަރްދީން ޚާންއެވެ. މިތަރިންނާއެކުވެސް ފިލްމުގެ ޝޫޓިންގް ކުރިޔަށް ދާނެގޮތާބެހޭ މަޝްވަރާތައް ކޮށްފައިވާކަމަށް އަނީސް ބަޒްމީ ވަނީ ބުނެފައެވެ.

މިފަހަރުގެ ސީކުއަލްގައި ފެންނަ 3 އެކްޓަރުންގެ އިތުރުން 9 ބަތަލާއިން ފިލްމުން ފެނިގެންދާނެކަމަށް ޚަބަރުލިބޭއިރު މިއީ ކޮން ބަތަލާއިންނެއްކަމެއް އަދި އިއުލާނު ނުކުރެއެވެ.

ކުރީގެ ފިލްމަކީވެސް ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ދައްކުވައިދިން ފިލްމެއްކަމުން މިފަހަރުގެ ސީކުއަލް އެއަށްވުރެ ފޯރިގަދަވާނެކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ކުރީގެ ފިލްމު "ނޯ އެންޓްރީ" އިން ފެނިގެންދިޔަ ބަތަލާއިންނަކީ، ބިޕާޗާ ބާސޫ، އީޝާ ޑިއޯލް، ލާރާ ދައްތާ އަދި ސެލީނާ ޖެއިޓްލީއެވެ.

https://www.youtube.com/watch?v=Z7wx7z_2Mn0