ގިނަ ބައެއްގެ މެދުގައި މަގުބޫލު އެޕް އެމޭޒަން ޕްރައިމްއިން އިންޑިއާގެ ތަފާތު އެކި ބަހުރުވައިން 40 އަށްވުރެ ގިނަ ފިލްމު އުފައްދަން ނިންމާފައިވާކަމަށް އެމޭޒަންއިން ބުނެފިއެވެ.
މީގެ 2 ދުވަސްކުރިން އިންޑިއާގެ މުމްބާއީގައި ބޭއްވި އިވެންޓެއްގައި އެމޭޒަން ޕްރައިމްއިން މިކަން އިއުލާނުކޮށްފައި ވާއިރު، ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުރުވައިން ތަފާތު އެކި ވެބް ސީރީސްތަކާއި ފިލްމު ކުރިޔަށްއޮތް 24 މަސްތެރޭގައި އުފައްދާނެ ކަމަށްވަނީ ބުނެފައެވެ.
ސްޓްރީމިންގް ޚިދުމަތް ދެމުން އަންނަތާ ގާތްގަނޑަކަށް ބައި ގަރުނުވާން ކައިރިވެފައިވާއިރު އެމޭޒަންއިން ނިންމާފައިވަނީ ކުރިޔަށް އޮތް 5 އަހަރުތެރޭ ޕްރައިމްއިން ގެނެސްދޭ ޚިދުމަތްތައް މިހާރަށްވުރެ 2 ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.
އެމޭޒަން ޕްރައިމްއިން މިކަމަށް ތައްޔާރުވުމުގެގޮތުން މިހާރުވަނީ އިންޑިއާގެ ފިލްމު އުފައްދާ ބޮޑެތި ކުންފުނިތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވާ އެކަމަށް ތައްޔާރުވެފައެވެ.
ކުރިޔަށް ނެރެން ގަސްތުކޮށްފައިވާ އެމޭޒަން ޕްރައިމްގެ އުފެއްދުންތަކުގެ ތެރޭގައި، ވަރަށް ގިނަ ޖޯންރާގެ އުފެއްދުންތައް ހިމެނެއެވެ. އޭގެތެރޭގައި ތްރިލަރ އުފެއްދުންތަކާއި، ވަރުގަދަ އެކްޝަން އުފެއްދުންތަކާއި، ހެއްވާ މަޖާ ކޮމެޑީ ޝޯވްތަކާއި، ބެލުންތެރިންގެ ހިތުން ޖާގަ ހޯދާނެކަހަލަ ވެބް ސީރީސްތަކާއި އަދި ރީތި ލޯބީގެ ފިލްމު/ސީރީސް ހިމެނެއެވެ.
އެމޭޒަން ޕްރައިމްގެ އުފެއްދުންތަކުން އަލަށް ފިލްމީ ދާއިރާއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށްވެސްވަނީ ބުނެފައެވެ. އެގޮތުން ގިނަ ވެބް ސީރީސް/ފިލްމުތަކުން ފެނިގެންދާނީ އަލަށް ފިލްމީ ދާއިރާއާއި ގުޅެން ޝައުގުހުރި އާ މޫނުތަކެއް ކަމަށްވެސް އެމޭޒަންއިންވަނީ ބުނެފައެވެ.
މިއިވެންޓުގައި އެމޭޒަން ޕްރައިމްއިންވަނީ އެމީހުންގެ ޚާއްސަ ފިހާރައެއްވެސް މުމްބާއިގައި ލޯންޗުކޮށްފައެވެ. މިފިހާރައިން އިންޑިއާގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކުއްޔަށް ފިލްމު ހޯދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
އެމޭޒަން ޕްރައިމްގެ މެމްބަރުންގެ އިތުރުން ރެޖިސްޓްރީނުކުރާ ފަރާތްތަކަށްވެސް މިޚިދުމަތް ހޯދޭނެކަމަށް އެމޭޒަންއިންވަނީ ބުނެފައެވެ.
މިޕްލެޓްފޯމްއިން އަލަށް ނެރެން ނިންމާފައިވާ ބައެއް ވެބް ސީރީސް/ފިލްމުތަކުން ފެނިގެންދާނެ މުހިއްމު ތަރިންގެތެރޭގައި އެކްޓަރު ޝާހިދު ކަޕޫރު، އަކްޝޭ ކުމާރު، ނަގާ ޗައިތަންޔާ، ވިދްޔާ ބާލަން، މަދޫރީ ޑިކްސިޓް އަދި ސޯނާކްޝީ ސިންހާ، އަދި ޖޫހީ ޗަވްލާ ހިމެނެއެވެ. އަ
ދި ހަމަ އެއާއެކު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންއާއި ބަތަލާ ކަންގްނާ ރަނާވަތްގެ މަނީކަރްނިކާ ޕްރޮޑަކްޝަން އާއި ގުޅިގެން 2 ފިލްމެއް ގެނެސްދޭ ގޮތަށްވެސްވަނީ ނިންމާފައެވެ.