އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ ފަލަސްތީނު ރައްޔިތުން ތައްޔާރުވެ ތިބުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހްޔާ ސިންވާރު ގޮވާލައްވައިފިއެވެ.
ޣައްޒާގައި ހޮނިހިރު ދުވަހު ބޭއްވި އާންމު ބައްދަލުވުމެއްގައި ޔަހްޔާ ސިންވާރު ވިދާޅުވީ، އިސްރާއީލުގެ އުދުވާނުތަކުން ގުދުސްގައި ހުންނަ އަގްސާ މިސްކިތަށް ދެމުންގެންދާ ހަމަލާތަކުގެ ކަންތައް ރަމަޟާންމަސް ނިމުމަކުން އަދި ނުނިމޭނޭ ކަމަށާއި، ރަމަޟާންމަސް ނިމުމާއެކު އިސްރާއީލާއެކު ހަގީގީ ކުރިމަތިލުންތައް ފެށޭނެ ކަމަށެވެ. އެހެންކަމުން، އެކަމަށް ފަލަސްތީނުގެ ރައްޔިތުން ތައްޔާރުވެ ތިބުމަށް އޭނާވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުގެ އަގްސާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނަމަ އެންމެން އެކީއެކައްޗަކަށް ނުކުމެގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ހަމާސް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ޔަހްޔާ ސިންވާރު ވިދާޅުވިއެވެ. އެއްފަހަރާ އެތައް ބައިވަރު ރޮކެޓްތަކުން އިސްރާއީލަށް ހަމަލާ ދެވޭގޮތަށް ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޔަހްޔާ ސިންވާރަކީ ހަމާސްގެ ފަރާތުން ޣައްޒާގައި ވެރިކަންކުރާ ލީޑަރެވެ. އަދި އޭނާއަކީ ހަމާސްގެ އެންމެ އިސް ކޮމާންޑަރުވެސް މެއެވެ.
މިއީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މި ރަމަޟާންމަހުގެ ތެރޭގައި އަގްސާ މިސްކިތަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ހަމާސްގެ އެންމެ އިސް ވެރިޔާ މިމޭރުމުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އިސްރާއީލުގެ ޓެރަރިސްޓް އުދުވާނީ ސިފައިންނާއި ފުލުހުން މި ރަމަޟާންމަހުގެ ތެރޭގައި އެތައް ފަހަރެއްގެމަތިން އަގްސާ މިސްކިތުގެ ހަރިންމަތެރެއަށާއި، ހަރިންމަތެރޭގައި ހުންނަ އަލް ޤިބްލި މިސްކިތަށް ވަދެގަނެ ހަމަލާދީ، ފަލަސްތީނުގެ އެތައްބައެއްގެ ގަޔަށް ބަޑިޖަހައި، ބަޔަކު ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކުރުމުގެ އިތުރުން މިސްކިތަށްވެސް ހަމަލާދީ އެތައް ގެއްލުންތަކެއް ދީފައި ވެއެވެ.
އިސްރާއީލުގެ އުދުވާނުތަކުން، ފަލަސްތީނު ރައްޔިތުން އަލް ޤިބްލި މިސްކިތާއި، އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމުގައި ތިއްބައި ތަޅައިމަރައި، ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނު ރައްޔިތުން މިސްކިތާއި، ހަރިންމަތެރެއިން ނެރެ އެތައްފަހަރަކު ބޭރުކޮށްލާފައި ވެއެވެ. މިކަން ކުރަމުން ގެންދިޔައީ، ޔަހޫދީ ހަރުކަށި ވަޒަންވެރިން އަޅުކަން ކުރުމަށްޓަކައި އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވެއްދުމަށްޓަކައެވެ.
މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި 11 ދުވަހުގެ ވަރުގަދަ ހަނގުރާމަ ފެށުނީވެސް، އަގްސާ މިސްކިތަށް ހަމަލާދިނުން ހުއްޓާލަން ހަމާސްއިން ދެމުންގެންދިޔަ އިންޒާރުތަކަށް އިސްރާއީލުން ބޯނުލެނބުމުން ހަމާސްއިން އިސްރާއީލުގެ ރަށްތަކަށް މިސައިލާއި ރޮކެޓުގެ ހަމަލާތައް އޮއްސާލުމުންނެވެ.
އެ ހަނގުރާމައިގައި ޣައްޒާގެ އެތައް ބަޔަކު ޝަހީދުވެ، އެތައް އިމާރާތްތަކާއި ގެތައް ސުންނާފަތިވިޔަސް، ހަމާސްގެ އާރާއި ބާރު އިސްރާއީލަށާއި ދުނިޔެއަށް އެނގި، އިސްރާއީލަށް ސިހުންގެނުވި ހަނގުރާމައަކަށް އެ ހަނގުރާމަ ވެގެންދިޔައެވެ.
މި ރަމަޟާންމަހު އިސްރާއީލުން އަގްސާ މިސްކިތާއި، ހަރިންމަތެރޭގައި ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ، އިމާރާތްތަކަށް ގެއްލުންދޭން ފެށުމުންވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ޣައްޒާއަށެވެ. އެއީ، ހަމާސްގެ ފަރާތުން އަތުވެދާނެ ރައްދަކަށެވެ.
ދެފަހަރެއްގެމަތިން ޣައްޒާތެރެއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައި ވެއެވެ. ރައްދުގައި އިސްރާއީލުން ޣައްޒާގެ ބައެއް ތަންތަނަށް ބޮންއެޅިއެވެ.
މިކަން ހިނގީ، އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައާއި، މިސްރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދަނިކޮށެވެ.
އިސްރާއީލަށް ރޮކެޓާއި މިސައިލްގެ މާ ވަރުގަދަ ހަމަލާތަކެއް ނުދިން ނަމަވެސް، އަދި އިންޒާރުތަކެއް ނުދިންނަމަވެސް، އަގްސާ މިސްކިތަށް ދެމުންގެންދިޔަ ހަމަލާތަކާ ގުޅިގެން ޔަހްޔާ ސިންވާރުވަނީ، ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކާ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވާފައެވެ.
އެ މަޝްވަރާތަކަށްފަހު ޖަމާއަތްތަކުން ކޮށްފައިވާ އިންޒާރުގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމަށްފަހު އިސްރާއީލަށް ހިމޭނުން އޮވެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، މިހާރު ހިންގާ ހުރިހާ ޖަރީމާތަކެއްގެ އަގު އިސްރާއީލުން ދައްކަންޖެހޭނޭ ކަމަށެވެ.