ކޯންޓްރޯކޮށްގެން މަސް ގަތުން ނިނުމަކަށް ގެނެސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިއްޔެ ފެށިގެން ކޮންޓްރޯލެއް ނެތި މަސް ގަންނަން ފަށައިފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައިވަނީ ދެކުނުގެ މަސްވެރިކަން މާޗް މަހުގެ މެދުތެރެއިން ފެށިގެން އާދަޔާ ހިލާފަށް ރަގަނޅުވެ އެއްފަހަރާ ގިނަދޯނިފަހަރުތަކާއި ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިފްކޯއަށް މަސްނުކިރޭ މައްސަލަ ދިމާވެ މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދުނެވެ. އަދި މި މަހު އިން ފެށިގެން މަސްކިރުން ކޮންޓްރޯލްކުރިއެވެ.

ނަމަވެސް އިއްޔެ އިން ފެށިގެން ކޮންޓްރޯލް ދޫކޮށްލައި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މަސް ނުކިރޭ މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ދޯންޏަކުން ފަސް ޓަނުގެ މަސް ގަންނަން ނިންމި ނަމަވެސް މަސްވެރިންގެ ޑިމާންޑާ އެކު ފަހުން ދޯންޏަކުން ހަތް ޓަނުގެ މަސް ގަންނަން ނިންމިއެވެ. އެކަމަކު މިހާރު ކޮންޓްރޯލެއް ނެތެވެ.

މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާ މިވަގުތުގަ މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދާކަން ސަރުކާރުން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކޫއްޑޫއަށް ވަޑައިގެން ރާއްޖޭގެ ދެކުނުގެ މަސްވެރިން މަސްކިރުވާގޮތް ބަލައި މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާތައް މީގެ ކުރިން އަޑުއައްސަވާފައެވެ.