އެޕްރީލް މަސް ނިމުނު އިރުވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުުވެރިން ޒިޔަރާރަތް ކުރީ އިންޑިޔާއިން ކަމަށް ޓުރިޒަމް މިނިސްޓްރީގެ ތަފާތުހިސާބު ތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެޕްރީލް 27 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 560،996 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އޭގެތެރެއިން ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންއެވެ. އަދި ދެވަނަ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިޔާއިންއެވެ.

މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 73،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 65،412 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިޔާއިންއެވެ.

ތިންވަނަ ލިބެނީ ރަޝިޔާއަށެވެ. އެގައުމުން 56،162 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޖަރުމަނާއި އިޓަލީ އަދި ފްރާންސުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،171 ތަނެއް މިހާރު ވަނީ އަލުން ހިދުމަތަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ، 169 ރިސޯޓާއި، 849 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ. މިއީ 54،662 ބެޑް ކެޕޭސިޓީއެވެ.

އަދި ހޯމްސްޓޭ ޓުއަރިޒަމްގެ ނަމުގައި ރަށްރަށުގައި މުޅިން ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެއް ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 97.5 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.