މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާޢުކުރުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މެމްބަރު ވަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާޢުކުރުން ކަމަށާއި އެމީހުންގެ ހައްގުގައި ކުރެވޭ ކަންކަމަށް ހުރަސްއެޅައި ބިރު ދެއްކުމެއް ނޫން ކަމަށެވެ.

އަދި މިނިވަން މަސައްކަތްތެރިޔަކު އުފެއްދުމަކީ އެމްޑީޕީން ކުރަން ބުނި އެންމެބޮޑު އެއް މަސައްކަތް ކަމަށާއި ވަޒީފާގެ ގާނޫނެއް ވުޖޫދުކުރެވިފައި ވިޔަސް، އަދިވެސް އޭގައިވާ ކިތަންމެ ކަމެއްގެ އަމަލީސިފަ ނުފެނޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މަސައްކަތްތެރީން ނުވަތަ މުވައްޒަފުން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަގާފަތް އަދިވެސް ނުނިމޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މެމްބަރު ވަހީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފަވާއިރު ގައުމެއްގެ އިގްތިސާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ޔަގީން ކަމަށާއި ދިރިއުޅުމުގެ ފުރާގު ކަށަވަރުކުރުމަށްޓަކައި މަސައްކަތެއް ކުރާ ކޮންމެ މީހެއް، އަދި ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކުމެ، އެ އަދާކުރަނީ ގައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ.