މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ދައުވަތަކަށް ފަރަންސޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ޖަރނަލިސްޓުންގެ މީޑިއާ ޓީމެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މިދަތުރު ކުރިއަށްދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން 5 މެއިގެ ނިޔަލަށެވެ. މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ފަރަންސޭސި ވިލާތުގެ ނަން މަޝްހޫރު އައުޓްލެޓްތައް ކަމުގައިވާ ގްރަޒިޔާ، ޑިޒަޔަރ ޑި ވޮއޭޖައެޒް، ލެސް ބޫމިއުޒަސް، އިންފްރަރޫޖް އިގި ނޭޝަނަލް ގިއޯގުރްފިކް މިޓީމުން ތަމްސީލްކިރެއެވެ.

މިޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ސަން ސިޔާމް އިރުފުށި އަދި ދަ ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓްގައެވެ. މިދަތުރުގެ މައިގަނޑު ތީމް އަކީ 'ވެލްބީންގ އެންޣް ރިލެކްސޭޝަން' އެވެ. އެގޮތުން ސްޕާ އޮން ދަ ބީޗް، ޔޯގާ އަދި މެޑިޓޭޝަންގެ އިތުރުން ދިވެހިރާއްޖެއަށް ހާއްސަ އެކި ވެލްނެސް ޕްރޮގްރާމްތައް އެޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މީގެއިތުރުން، ސްނޯކްލް ކުރުމާއި، ވޯޓާ ސްޕޯޓްސް އަދި އެ ރިސޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ލިބިގެންދާނެއެވެ.

ދަތުރަށްފަހު މިޓީމުން ދިވެހިރާއްޖެއަށް ހާއްސަ ލިޔުންތައް އެނޫސްވެރިއެއްގެ މީޑިއާ އައުޓްލެޓްއިން ޝާއިއުކުރާނެއެވެ. ލިލިޔުންތައް ފަރަންސޭސިވިލާތު މާކެޓުގައި ރާއްޖެއަކީ 'ވެލްބީންގ އެންޑް ރިލެކްސޭޝަން' އަށް އެންމެ މަގުބޫލް އެއް މަންޒިލްގެގޮތުގައި އިޝްތިހާރުކުރާނެއެވެ.

އަދި ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ރާއްޖެއަށް ދަތުރުފަތުކުރުމަށް އަޅާފައިވާ އެންމެފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި ލޔުންތަކުން ހިއްސާކޮށްދޭނެއެވެ. މި ލިޔުނތައް 5.5 މިލިއަނަށް ވުރެ ގިނަ ކިޔުންތެރިންނަށް ފޯރާނެކަމަށް އެމްއެމްޕީއާރްސީން ލަފާކުރެއެވެ.

ފަރަންސޭސިވިލާތުގެ މާކެޓަކީ މިދިޔައަހަރުގެ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު އެއް މާކެޓެވެ. މިއަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 460،479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 21،491 ފަތުރުވެރިން ނިސްބަތްވަނީ ފަރަންސޭސިވިލާތު މާކެޓަށެވެ.

ވިޒިޓް މޯލްޑިވްސްއިން މިދިޔަ އަހަރު މި މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތައް ކުރިއަށްގެންދިޔައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް މާކެޓިންގ ކެމްޕެއިންތަކާއި، ވެބިނާ އަދި ރޯޑްޝޯވތަކުގެ އިތުރުން، މި މާކެޓުގައި ބޭއްވި ބޮޑެތި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ. މިއަހަރުވެސް މި މާކެޓުގައި މިފަދަ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.