ސައުދީ އަރަބިއްޔާއަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ރާއްޖޭގެ ބައެއް އުމްރާވެރިންނަށް، އެނބުރި ގައުމަށް އަންނަ އިރު، ފްލައިޓަށް ޒަމްޒަމް ފެން ނޭރުވޭނެ ކަމަށް ގްރޫޕުތަކުން އަންގަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ބައެއް ހައްޖު/އުމްރާ ގުރޫޕްތަކުން އުމްރާވެރިންނަށް ހަދާފައިވާ ވައިބާ/ ވަޓްސްއެޕް ގްރޫޕްތަކަށް ފޮނުވާފައިވާ މެސެޖެއް ވީނިއުސްއަށް ވަނީ ލިބިފައެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ނެރެފައިވާ ސާކިއުލާއަކަށް ހަވާލާދީ، އެ މެސެޖުގައި ބުނެފައި ވަނީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު އަނބުރާ ގައުމުތަކަށް ދާ މީހުން، ޒަމްޒަމް ފެން ޕެކޭޖްތައް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެގޮތަށް އެއްވެސް ސައިޒެއްގެ ޒަމްޒަމް ފެން ޕެކޭޖެއް އެއާޕޯޓަށް ފުރަންދާ އުމްރާވެެރިން ނުގެންދިއުމަށް އިރުޝާދު ދިނުމަށް އަންގާ ކަމަށެވެ.

ސަބަބައެއް ކަމަށް ސާކިއުލާގައި ބުނެފައި ވަނީ، ފުރަންދާއިރު ގެންދެވޭ އެއްވެސް ޒަމްޒަމް ފެން ޕެކޭޖެއް ފްލައިޓަށް އެރުވުން މަނާކޮށްފައިވާތީއެެވެ.

މީގެ ކުރިން ހައްޖުވެރިންނަން ނުވަތަ އުމްރާވެރިންނަށް ޒަމްޒަމް ފެން ގައުމުތަކަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ނަމްބަރު 10943 ވަނަ ސާކިއުލާގައި މި ފަދައިން އަންގާފައިވާ ސަބަބެއް ސާފެއް ނޫނެވެ.

ގުރޫޕްތަކަށް ފޮނުވާފައިވާ މެސެޖުގެ ސައްހަކަން ކަށަވަރުކުރުމަށް "ވީނިއުސް" އިން އިސްލާމިކް މިނިސްޓްރީއަށް ގުޅާލުމުން ބުނީ، އެ ފަދަ މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. އަދި މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށް ބުނެފައި ވެއެވެ.