ރަމަޟާންމަހާ ގުޅިގެން އަންނަ ފިތުރު އީދު ދުވަހަށް ޒަމާނުއްސުރެ ދިވެހިން ކިޔާ އުޅެނީ "ކުޑަ ޢީދު" މިހެންނެވެ. މި ޢީދަށް "ކުޑަ ޢީދު" ކިޔޭ ސީދާ ސަބަބެއް ނޭނގެއެވެ. ފަހަރެއްގައި އަލްހާ ޢީދަށްވުރެ ކުރިން ފިޠުރު ޢީދު ފާހަގަކުރާތީ ކަމަށްވެސް ވެދާނެއެވެ.

ނޫނީ، ފިތުރު އީދަށް "ކުޑަ ޢީދު" ކިޔާ އުޅެނީ އަލްހާ ޢީދާ އަޅާ ކިޔާއިރު ކުޑަކޮށް ފާހަގަ ކުރާތީއެވެ. އެކަމަކު ދަންނަން ޖެހޭ ހަގީގަތަކީ މި ފަހަކަށް އައިސް މި ޢީދުގެ ފޯރި ބޮޑުވާން ފަށައިފި ކަމެވެ. ފިތުރު ޢީދު ފާހަގަކުރުމަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިސް ނަގައިގެން، ރަށްރަށުގެ ފެންވަރުގައި ފިތުރު އީދު ދުވަސް ކުލަ ގަދަކޮށް ފޯރި ބޮޑުކޮށް ފާހަގަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު މީހަރު ފެނެއެވެ.

އެގޮތުން ވެރުރަށް މާލެ އަށް ބަލާލާއިރު، ޓައިމްގެ އިންކް ޕްރައިވެޓް ލިމިޓެޑްގެ ޓައިމް އެކަޑެމީން އިންތިޒާމްކޮށްގެން ފިތުރު ޢީދު ދުވަހު ހާއްސަ މިއުޒިކް ޝޯއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން "ކުޑަ އީދު ފޯރި"، މި ޝޯ ކުރިއަށް ދާނީ ޢީދު ދުވަހުގެ ހަވީރު 04:00 އިން 06:00 އަށެވެ. އަދި ރޭގަނޑު 09:00 އިން 12:00 އަށެވެ.

ޓައިމްގެ "ކުޑަ އީދު ފޯރި" އީދު ޝޯއަކީ ޓައިމް އެކަޑެމީގެ ދަރިވަރުން ހުށައަޅައިދޭ ޝޯއެކެވެ. މި ޝޯގައި ދަރިވަރުންގެ ލަވަޔާއި މިއުޒިކް އަދި ޑްރާމާ އައިޓަމްތަކެއް ފެނިގެންދާނެއެވެ. މި ޝޯ، ވީޓީވީ މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ވަގުތުން ގެނެސްދިނުމަށްވެސް ވަނީ ނިންމާފައެވެ. ޝޯ އޮންނާނީ މާފަންނުގައި ހުންނަ ޒުވާނުންގެ މަރުކަޒުގައެވެ.

ކުޑަ ޢީދަކީ ވެސް ކުޅިވަރާ މަޖާ އަދި މީރު ކެއުންތައް ލިބޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވަހަކަށް ހެދުމަށް ރަށްރަށުގައި މިންނެއް މަސައްކަތްތަކެއް އެބަ ކުރެއެވެ. އޭގެ އެއް ހެއްކަކީ މި އަހަރު މާފުށީގައި ޢީދަށް ވެފައިވާ، އަދިވެސް ވަމުން އަންނަ ތައްޔާރީތަކެވެ. ރާއްޖޭގައި މި އަހަރު އެންމެ ފޯރީގައި ފިތުރު އީދު ފާހަގަކުރެވޭ އެއް ރަށަކީ މާފުށްޓެވެ.

ޢީދު ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން މާފުށި ކައުންސިލުން ބުނެފައިވަނީ ޢީދު ނަމާދަށްފަހު ރަށުގެ ރައްޔިތުންނަށް ބާއްވާ ހެނދުނުގެ ސަޔަށްފަހު، ޢީދު ކުޅިވަރުތައް ފަށާނެ ކަމަށެވެ. އަދި ޢީދު ދުވަހުގެ ރޭ ހަވާ އެރުވުން އޮންނާނެ ކަމަށް ވެއެވެ. މިކަން އޮންނާނީ އެރޭ އޮންނަ ފޯރި ގަދަ ޢީދު ޝޯވ ގައެވެ.

މާފުށި ނޫނަސް މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަ ޢީދު ފާހަގަކުރުމަށް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އީދު ދުވަހު އޮންނަ އެންމެ ހާއްސަ ކަމަކީ ޢީދު ނަމާދެވެ. ޢީދުގެ ހަރަކާތްތަށް ފެށިގެން އަންނަނީ ޢީދު ނަމާދުންނެވެ. މި އަހަރު މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކުގައްޔާއި ބައެއް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައި ވެސް އީދު ނަމާދުކުރާނެއެވެ.

ޢީދުގައި ރަށްރަށުގައި ކުޅޭ އެކިއެކި ކުޅިވަރަށް ބަލާލާއިރު، ދަފި ނެގުމާ ބަނޑިޔާ ޖެހުމާ ކޯޑިކެނޑުމާ އެހެންގޮސް އީދު ދުވަހު އެތައް ކުޅިވަރެއް ކުޅެއެވެ. އީދު އަންނަންވާއިރަށް ރަށްރަށުގައި މާކުރިން އީދުކުޅިވަރަށް ފަރިތަކޮށް ކުލަގަދަ އީދެއް ފާހަގަކުރަން ގިނަ ތައްޔާރީތަކެއް ވެއެވެ. ކޯޑި ނަގާ ދަފި ނަގާ ވަގުތު އަންނަ ފޯރީގައި ގިނަބަޔަކަށް އަންނާނީ އަމަށަކު ފޯރިއެއް ނޫނެވެ. އެއުފަލުގައި ކުދިބޮޑު އެންމެން ހީ އަތްޖަހާ ހަދާ އުފާވެރި މަންޒަރަކީ ރަށްރަށުގެ ރައްޔިތުންގެ ގުޅުން ބަދަހިކަމާ ހިތްހެޔޮކަމުގެ ލާމަސީލު ނަމޫނާ އެކެވެ.

ކުޑަ ޢީދު ކިޔަސް ރަށްރަށުން ކުޑަ އީދުގައި ފެނިފައިވާ ފޯރިއަކީ ކުޑަ ފޯރިއެއް ނޫނެވެ.