ވިލާ ގްރޫޕްގެ ޗެއާރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމް، އެންމެހާ މުސްލިމުންނަށް ފިޠުރު ޢީދުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ޤާސިމް ފޮނުއްވި މެސެޖްގައި، ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ދަންނަވައި ވިދާޅުވީ، ދުޢާއަކީ އަޅަމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދިޔުން ކަމަށެވެ. އަދި އިހުސާންތެރިކަމާއި ލޯބި އިތުރުކުރައްވައި ހެޔޮ ދުވަސްތަކެއް މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު ދުޢާ ދެންނެވިއެވެ.
މިއަދަކީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހެވެ.
އިސްލާމް ދީނުގައި ވަނީ ޢީދު އުފާ ފާޅުކުރާއިރު، އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.
އެގޮތުން، ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާ ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެކެވެ.
އޭގެ އިތުރުން މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ، މުހިންމު ކަމެކެވެ.