ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަށް ނުސީދާ އިބާރާތްތަކާއި ކުރެހުންތައް ބޭނުންކުރުމަކީ ކޯޓު އަމުރަށް ގޮންޖެހުމުގެ އަމަލުތަކެއް ކަމަށް ބެލެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
އިދިކޮޅުގެ މި ހަރަކާތުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުން ނިންމާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އެ ކެމްޕެން ހުއްޓުވުމަށް އަންގައި އޭޕްރިލް މހުގެ 21 ވަނަ ދުވަހު ގަރާރެއް ނެރުއްވާފައެވެ.
ގަރާރުގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެ އާއި އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މިސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ ޢަމަލުތަކެއް ކަމަށެވެ.
މިގަރާރު ތަންފީޒުކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށުމާއެކު އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށްގެންނާއި، އިންޑިއާގެ ދިދަ ރަމްޒުވާގޮތަށް ގްރެފިޓީ ބޭނުންކޮށްގެން ކެމްޕެއިން ކުރިއަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ފުލުހުން ކޯޓު އަމުރަށް އެދި ހުށައަޅާފައިވަނީ، ބައިނަލްއަގްވާމީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާގޮތަށާއި، އިންޑިއާގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ބުރޫއަރާގޮތަށް، އެގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދާކަމަށް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭފަދަ، އަދި އިންޑިއާގެ ދިދައަށް އިހުތިރާމް ކުޑަވާފަދަ ކުރެހުންތަކުގެ ގްރެފިޓީއާއި ބެނާތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ގެންދަނީ ކޯޓު އަމުރާއި، ނިންމުމަށް ގޮންޖެހުމަށް ކަމަށެވެ.
އަދި، އެއީ ނުސީދާ އިބާރަތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން ކެމްޕޭންގެ މެސެޖުތައް ފާޅުކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ބެލުމުގެ އިހުތިމާލު އޮތްކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އިދިކޮޅުން އަންނަނީ މިކެމްޕެއިން ނުހުއްޓާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.