ފިތުރު ޢީދަށް ހާއްސަކޮށްގެން މާލޭ ސަރަހައްދުގައި ހިނގާފައި ނުވަތަ ފައިމަގުގައި އުޅުމަށް ކަނޑައެޅިފައިވާ ވަގުތުގައި ގިނަ ބަޔަކު މަގުތަކަށް ނުކުމެ، ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްފިއެވެ.

ފިޠުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަވީރު 04:00ން ރޭގަނޑު 08:00 އާ ދެމެދުގެ ވަގުތުތަކެވެ. މި ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މިވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ދީފައި ވަނީ ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތަކަށް އެކަންޏެވެ.

މަޖީދީމަގު، މާލެ --- ފޮޓޯ: ޒިދާން މުހައްމަދު

އެހެންވެ ދުއްވުން މަނާ ވަގުތުތަކުގައި އާންމުކޮށް ކާރޫބާރު ބޮޑު މާލޭގެ މަގުތަކަށް ކުދި ބޮޑު ގިނަ ބަޔަކު ވަނީ ނުކުމެ، ވަގުތުގެ ބޭނުން ހިފާފައެެވެ. އީދު ދުވަހުގެ މި ވަގުތުތަކުގައި އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރީ ރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅެމުން އަންނަނީ މާލޭ ސިޓީއަށް ކަމަށްވުމުން ފިޠުރު ޢީދުގެ އުފާ ފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި، ކުޑަ ކުދިންގެ އިތުރުން ޒުވާނުންވެސް އީދު ކުޅިވަރުގައި ބައިވެރިވެ އުޅުމަށްޓަކާއި މަގުމައްޗަށް ނިކުމެ އުޅުުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މިއަދު ހަވީރުގެ ވަގުތު ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމުގެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވަޅު ޢީދު ދުވަހު ހެނދުނު 09:00ން ފެށިގެން ރޭގަނޑު 7:00 ޖެހުމާއަށް ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފައެވެ.

މި ގޮތުން ބަންދުކުރި ސަރަހައްދަކީ މާފަނުން ރަސްފަނު ހިމެނޭ ސަރަހައްދެވެ. މަޖީދީމަގުން ފެށިގެން ރަސްފަނުން ކުރިމަތިން އުތުރަށް ގޮސް ކުރީގެ ވެސްޓްޕާކު ހުރި ހިސާބަށް ބޮޑުތަކުރުފާނު މަގުވެސް ވެހިކަލްތަކަށް ބަންދު ކުރިއެވެ.

ބޮޑުތަކުލުރުފާނު މަގު --- ފޮޓޯ: ޒިދާން މުހައްމަދު

އުޅަނދު ދުއްވުން މަނާ ކުރި ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ދުއްވި ވެހިކަލްތައް ހިފަހައްޓާ ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުން ތަންފީޒު ކުރުމަށް ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވެފައެވެ.

ޢީދު ފާހަގަކުރުމަށް މިއަދު ހަވީރު މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައި ވާއިރު، ސޯޝަލް ސެންޓަރުގައި ވަނީ ފޯރިގަދަ ޢީދު ޝޯވ އެއް ބާއްވާފައެވެ. މި ޝޯވ ވީޓީވީން ވަނީ ވަގުތުން ދައްކާފައިވާއިރު މިއީ ޓައިމް އެކަޑެމީގެ ދަރިވަރުން ހުށައަޅައިދިން ޝޯއެކެވެ.

ކުޑަކުދިންގެ ހަވީރާއި ޢީދު ޝޯވ ކުރިއަށް ދިޔަ ވަގުތުގައި ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުންނާއި ބިދޭސީން އެ ސަރަހައްދަށް ޖަމާވެ، ޢީދުގެ އުފާ ވަނީ ހިއްސާކޮށްފައެވެ. އަދި ފޯރީގައި ނިކަން ގަދަޔަށް ބައިވެރިވެފައިވެއެވެ.