ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ، އެ ދައުލަތުގެ ކަންކަމާމެދު، ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމެވެ. އެ ޚިޔާލުތައް، އެ ފާޑުކިޔުންތައް، ދައުލަތަށް އިއްވަން ނުވަތަ ސަމާލުކަމަށް ގެންނާން ތިބި ބަޔަކީ ނޫސްވެރިންނެވެ. ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ، ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިސްލާހް ކުރުމެވެ.

ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ހުރިކަން ހަނދާން ކުރަންޖެހެއެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުމެވެ. އެ ޒިންމާއަށް އިހުމާލުވެއްޖެނަމަ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެއްދި، ޑިމޮކްރެސީއަށް ހީނަރުކަން އާދެއެވެ. ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި، ތެދު މަޢުލޫމާތު ފަތުރާހާ ހިނދަކު އެކަން ހުއްޓުވިގެން ނުވާނެއެވެ.

ނަމަވެސް ހިތާމައިގެ ކޮޅެއް ނެތެވެ. ވިޔަފާރިވެރިންނާއި ސިޔާސީ ވެރިންނާއި އަދި އެނޫން ވެސް ބާރުތަކެއް ލިބިފައިތިބި "ވެރިން"ގެ ސަބަބުން މި ދެންނެވި ދޮރު ބަންދުވާތަން މީގެކުރިން ވެސް، މިއަދު ވެސް ފެންނަމުން އެބަ ދެއެވެ. އެ ވެރިން ނޫސްވެރިޔާގެ ޤަލަން ހިންގުވިޔަ ނުދީ ހިފަހައްޓައެވެ. ޚިޔާލާތުގެ މައްޗަށް ނުރަނގަޅު ނުފޫޒު ފޯރުވައެވެ. ބަސްބުނިޔަ ނުދީ އަނގަމަތީ "ޓޭޕު އަޅައެވެ."

ރާއްޖޭގެ ނޫސްވެރިން މި ތަޖުރިބާ އެންމެ ރަނގަޅަށް ކުރި އެއް ދުވަސްވަރަކީ ގައިމު ވެސް މާ ދުރު ދުވަސްވަރެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ފްރީޑަމް ހައުސް އިން ނެރުނު "ފްރީޑަމް އޮފް ދަ ޕްރެސް 2017" ގައި ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ސަބަބައް ކަމަށް ބުނެފައި ވަނީ މީޑިއާތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ކޮށްފައިވާ ކަންތައްތަކެވެ.

އެގޮތުން އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ.

ރާއްޖެ ޓީވީގައި ރޯކުރި ދުވަސް --- ފޮޓޯ: ރާއްޖެއެމްވީ

އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގާނޫނުތަކާއި އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

އެ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި އޭރު ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައި ވަނީ ސައުތު ސޫދާނާއި، ކޮންގޯ، ސާބިއާ، ބޮލީވިއާ އަދި ހަންގޭރީއާ އެއް ހަމައެއްގައެވެ. އެ ޖަމިއްޔާ އިން ސިފަކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރަކީ އޭގެ ކުރިން 13 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރެވެ. އެގޮތުން ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި މީޑިއާތައް ނައްތާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިން ހަމަލާތަކުގެ ސަބަބުން އެ އަހަރު ފާހަގަވަނީ ނޫސްވެރިކަމުގައި ކަޅު އަހަރެއްގެ ގޮތުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އޭގެ ކުރިއަށް ޖެހިލާނަމެވެ. 2012 ވަނަ އަހަރު ހިނގާ ދިޔަ ކަންތައްތަކެވެ. ޓީވީވީގައި ހުޅުޖެހި ހަނދާނެވެ. ވީޓީވީގައި ހުޅުޖެހުމަށް ގޮވާލީ ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައެވެ. އެ ކަމަށް ގޮވާލާ 15 ވަރަކަށް މިނިޓް ތެރޭގައި ވީޓީވީގައި ވަނީ ހުޅު ޖަހާފައެވެ. ދެން ފެނިގެން ދިއައީ މަގުމަތީގައްޔާއި ޕޭމަންޓްގައި އަތުރާފައި ހުރި ބޮޑެތި ގައުތައް ނައްޓައި ވީޓިވީއަށް އަމާޒުކުރި ދުވަހެވެ. ފެނިގެންދިޔައީ ވީޓީވީ ހިންގާ އިމާރާތަށް ގެއްލުން ލިބެމުންދާތަނެވެ. ހުރިހާ ކުޑަދޮރުތަކެއްގައި ހުރި ބިއްލޫރިތައް ތެޅިގެން ބިން މައްޗަށް ފައިބަމުންދާ ތަނެވެ. ވީޓީވީ އާއި ވީއެފްއެމްގެ މުވައްޒިފުންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ދޭންޖެހެއެވެ. ހުޅުޖެހުމުންވެސް ފިލަން ނުގޮސް ޚިދުމަތުގައި ތިބުމުގެ ހިތްވަރު ލިބިގަތީތީއެވެ. މި ބަޔާންކުރީ ވީޓީވީގެ ވާހަކައެވެ. ތަފުސީލަށް ނުދިޔަސް ރާއްޖެ ޓީވީގެ ސްޓޭޝަނުގައި ހުޅުޖަހައި އެ ތަނަށް ގެެއްލުން ދިން ދުވަސް ވެސް ހަނދާންކޮށްދެމެވެ.

ވީޓީވީ ސްޓޭޝަނަށް ދިން ގެއްލުން އެންމެ ފޮޓޯއަކުން --- ފޮޓޯ: އައިބީސީ

އަހަރުތަކެއް ކުރިއަކުން ނޫނެވެ. ދާދި ފަހަކުން، ރާއްޖޭގެ އޮންލައިން ނޫސް، ވަގުތު ނޫހުގެ ނޫސްވެރިން އައްޑޫ ސިޓީއަށް ކުރި ދަތުރެއްގައި "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ" މި ނަމުގައި ތައްޔާރުކުރި ތަހުގީގު ރިޕޯޓަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް ބަޔަކު މަރުގެ އިންޒާރު ދިނުމުން އެ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވާން ޖެހުނެވެ. މުޅި އެ ދަތުރުގައި ވެސް ނޫސްވެރިން އުޅެން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ.

ވަގުތު ނޫހުން އެ ރިޕޯޓު އާންމުކުރިތާ މާ ގިނަ ދުވަހެއް ނުވެ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މީހުން ފުލުހުން ވަނީ ހަމަ ހަރުކަށިފިކުރާއި ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތުކޮށެވެ. ތަހުގީގީ އިދާރާތަކަށް އެނގުމުގެ މާ ކުރިން މި ވާހަކަތަށް ވަގުތު ނޫހުން ވަނީ އާންމުންނަށް ތިލަކޮށްދީފައެވެ. މިއީ ނޫސްވެރިކަމުގެ ފަންނުގައި ކުޅަ ދާނަ ބަޔަކު ރާއްޖޭގައި ތިބި ކަމުގެ ހަމަ އެންމެ މިސާލެކެވެ.

އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ރާއްޖޭގައި ފުޓްބޯޅަ ޚަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓުތައް ގެނެސްދޭ ގޮތާ މެދު ހިތްހަމަ ނުޖެހިގެން، ކްލަބުތަކުން ނޫސްތައް ބޮއިކޮޓް ކުރި މަންޒަރު ވެސް ފެނިފައި ވަނީ މާކަ އިހު ޒަމާނަކު ނޫނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އެންމެ ބޮޑު އެއް ނޫސް 'މިހާރު' ނޫހުން ދިވެހި ފުޓުބޯޅައަށް ގެއްލުންވާ ގޮތަކަށް ޚަބަރާއި މައުލޫމާތު ފަތުރާ ކަމަށް ބުނެ، އެ ނޫހުން ބައިވެރިވާ ބައްދަލުވުންތައް ބޮއިކޮޓްކުރަން ހަތް ފުޓުބޯޅަ ކްލަބަކުން ނިންމިއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ނޫސް އެޑިޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފުޓުބޯޅަ އާއި ކްލަބުތަކާއި އަދި އެފްއޭއެމް އާ ގުޅިގެން ވެސް ނޫސްތަކުން ފަތުރާ ޚަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރުކަމާއެކު ކިޔާ ފާޑުކިޔުންތަކެއް ކަމަށެވެ. އެހެންކަމުން ކްލަބުތަކުން 'މިހާރު' ބަދުނާމުކޮށް، ބޮއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖެއްގެ ތެރެއިން --- ފޮޓޯ: ވަގުތު

ހަގީގަތަށް ދަންނަވާ ނަމަ، މި ދެންނެވީ ބާރުވެރި ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ މަދު ޖަރީމާތަކެވެ. މިނިވަން ނޫސްވެރިކަމަށް ފާލުގައި އެޅި ހުރަސްތަކާއި ކުރިމަތިކުރުވި މަދު ފިއްތުންތަކެވެ. މީގެ އެތައް ކަމެއް ރާއްޖޭގެ ނޫސްވެރިންނާއި ނޫސް ހިންގާ އޮފީސްތަކާއި ބްރޯޑްކާސްޓިން ހައުސްތަކުން ތަޖުރިބާކޮށްފިއެވެ.

އާނއެކެވެ. ކޮރަޕްޝަނާއި ފަސާދައާ ނޭއްގާނީކަން އިންތިހާއަށް އަށަގެންފައިވާ އަދުގެ ދުނިޔޭގައި ބާރުވެރިންގެ އެންމެ ބޮޑު މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަކަން ނައްތާލައި، ނޫސްވެރިންނަށް ހުރަސްއެޅުމެވެ. އެހެނީ ނޫސްވެރިން މި ކުރާ މަސައްކަތަކީ އެ މީހުން މާ ގަޔާވާ މަސައްކަތެއް ނޫނެވެ. އެވެރިންނަަށް އެންމެ ބޮޑު އަސަރެއް ކުރުވާ ކަމަކީ ނޫސްވެރިންނަށް ލިބިފައިވާ ބާރާއި މިނިވަންކަމެވެ.

އޮތީ ހަމަ އެންމެ ސަބަބެކެވެ. އެމީހުންގެ ޢަމަލުތަކަށް ފާރަވެރިވެ، ތެދުވެރި ގަލަމަކުން، ދެފުށް ފެންނަ ތަޙުޤީޤަކުން، އެ މީހުންގެ ޖަރީމާތައް ބޭޒާރުކޮށްލާތީއެވެ.