އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބްގައި، ޖުމްހޫރީ ޕާޓީގެ އެއްވެސް ޝަޢުގުވެރިކަމެއް ނެތް ކަމަށް ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިފަދައިން ވިދާޅުވީ ގާސިމް އިބްރާހީމްއާއެކު މިނިސްޓަރ ފައްޔާޒްގެ ކެމްޕެއިން ޓީމުގެ ބޭފުޅުން ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ވާހަކަތަކަށް ރައްދުދެއްވައެވެ.

މެމްބަރު އިބްރާހީމް ރަޝީދަށް ރައްދުދެއްވާ އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާ އަދި ޕާޓީއަކީވެސް ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށާއި ބަރުލަމާނީ ނިޒާމާއިމެދު އެމްޑީޕީގެ ބައެއް ބޭފުޅުން އުޅުއްވި ދުވަސްވަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގާސިމްއާ ބައްދަލުކުރަން އެދުމުންވެސް މަރުޚަބާ ކިޔާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާރޕާސަންގެ އިންތިޚާބްގައި، ޖޭޕީގެ އެއްވެސް ޝަޢުގުވެރިކަމެއް ނެތް."
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންގެ ފޯރިގަދަވެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުގެ ބޭފުޅުންނާއި މިނިސްޓަރ ފައްޔާޒުގެ ޓީމުގެ ބޭފުޅުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެގޮތުން ފައްޔާޒުގެ ކެމްޕެއިން ޓީމުގެ ބޭފުޅުން އދ.މާމިގިއްޔަށް ކުރި ދަތުރުގެ ތެރެއިން ގާސިމް އިބްރާހީމްއާ ބައްދަލުކުރެއްވި ހިސާބުން މެމްބަރު އިމްތިޔާޒްގެ ޓީމުން ވަނީ ގިނަ ތުހުމަތުތަކެއްކޮށްފައެވެ.

އިންތިއަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ފައްޔާޒުގެ ޓީމުގެ ބޭފުންނާއެކު ގާސިމް ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގަ ދައުރުކޮށް، މިއީ އެހެން ޕާޓީތަކުގެ ނުފޫޒު އެމްޑީޕީ އިންތިޚާބުގައި އޮތްކަން ހާމަވާ ކަމެއް ކަމަށް ބުނަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި މިނިސްޓަރ ފައްޔާޒު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާ ކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ފައްޔާޒުގެ ޓީމުން ވަނީ އެއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް ބުނެފައެވެ.