ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައަކާއި ގުޅިގެން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރީއަތް ނިންމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައަކީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލައެކެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާވިސަސްއާ ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

މިފަދަ މައްސަލަތައް މި ފަހުން ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.

މިކަމުގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަދަ މައްސަލަތަކުގައި ބަންދުކުރެވޭ މީހުން ޝަރީއަތުގެ މަރުހަލާގެ ވަކި ހިސާބަކުން މުޖުތަމައަށް ދޫވެގެން ދިޔުމެވެ.

އެކަށީގެންވާ ގޮތެއްގައި މިފަދަ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ނުހިންގޭތީ އާންމުންގެ ގިނަ ފާޑުކިޔުންތައް މުވައްސަސާތަކަށް އަބަދުވެސް އަމާޒުވެއެވެ.

ނަމަވެސް، ފުލުހުން ބުނަމުން އަންނަނީ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފުލުހުން ބަލާ ކަމަށެވެ.