މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން ނުހުއްޓުވައި ރޭވިފައި އޮތް ގޮތަށް ކުރިއަށްދިޔަ ނަމަ، އެތައް ކާނެއްގެ މަތި ބަދަލުކުރެވި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރެވުނީސް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަތިގަނޑު ހަލާކުވެފައިވާ ކާނެއްގެ ތެރެއަށް މީހެއްގެ ފައި ގަނބަައިގަނެ ކަށިމަތި ޒަޚަމްވުމާ ގުޅިގެން އެމީހާ ކަންބޮޑުވުން ފާޅުކޮށް ކުރި ޓުވީޓަކަށް ދެއްވި ޖަވާބުގައެވެ.

އެ ހާދިސާއާމެދު ހިތާމަ ފާޅުކުރައްވައި މޭޔަރު ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތިގަނޑު ނެތުމާއި މަތިގަނޑު ހަލާކުވެފައިވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. މިމައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ބަޖެޓުގެ ދަތިކަމާހެދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ސިޓީ ކައުންސިލުން ފެށި މަސައްކަތުގެ ބަޖެޓު ހިފަހައްޓައި އެ ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ފަސްމަސް ދުވަސް ފާއިތުވެފައިވާ ކަމަށާއި އެގޮތަށް ކަންކަން ހުއްޓުވުމުން އެވާހަކަ ދައްކަވާނެ ކަމަށެވެ.

މަގުހެދުމުގެ މަޝްރޫޢު ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދިން ނަމަ، މާލޭގެ މަގުތަކުގެ އެތައް ކާނެއްގެ މަތި ބަދަލުކުރެވުނީސްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މާލޭގެ މަގުތައް ހެދުމަށް ކުރީ ކައުންސިލުން ފަށާފައި އޮތް މަސައްކަތުގެ ޕްލޭނަށް ބަދަލުތަކެއް ގެނެސް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށީ ވަރަށް އުންމީދާ އެކުގައެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ ދަށުން އެންމެ މަގެއް ހެދުނުތާ، ޕްރޮޖެކްޓުގެ ބަޖެޓު ހިފަހައްޓައި އެކަން ވަނީ ހުއްޓުވާފައެވެ. މީގެ ކުރިން މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ މަގުހެދުން ހުއްޓުވައިގެން އުޅޭ ސަބަބެއް ސަރުކާރުން ރައްޔިތުންނަށް ކިޔައިދިނުމަށް ގޮވާލައްވާފައެވެ.

ގައިމު އާރްޑީސީއަށް ވެސް ފައިދާ ވާނީ މަސައްކަތް ހިނގީމަ. އެބޭފުޅުން ވެސް ބޭނުންވޭ މަސައްކަތް ކުރިއަށް ގެންދަން. އަޅުގަނޑުމެން ބޭނުންވޭ މި މަސައްކަތް ކުރަން. މިސާލަކަށް، އަމީނީމަގުފަދަ ބޮޑެތި މަގުތަކުގައި ތާރުއެޅިގެން ދިޔައީމަ ރައްޔިތުންނަށް ވާނެ އެތައް ފައިދާއެއް ހުންނާނެ. އެކަމަކު އެއްވެސް ސަބަބެއް ނުދެއްވައި މިއޮތީ ބަޖެޓު ހިފަހައްޓާފައި."
މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު ހިންގާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މާލެ ސިޓީ ކައުންސިލުގެ ކުރީ ދައުރުގައި ފެށުނު މި ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނެސް މިހާރު ހިނގަމުންދާ ހަތަރުވަނަ ދައުރުގެ ކައުންސިލުން އާރްޑީސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ގޯޅިތައް ހިމެނޭގޮތުން ޖުމުލަ 105 މަގެއް ހެދުމަށް ވަނީ ނިންމާފައެވެ.

މަގުތައް ހެދުމަށް ޙަވާލުކޮށްފައިވަނީ 700 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެއަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.