ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދުވަސް ފާހަގަކުރާއިރު ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރު ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމީ މިނިވަން ނޫސްވެރިކަމަށް އޮތް، ވަރަށް ބޮޑު ހުރަހެއް ކަމުގައި ދެކޭކަމަށެވެ.

އިދިކޮޅުން ވަނީ މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު، އެބާރުގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި، އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަން ފާހަގަކޮށް އެކޯލިޝަނުން ބުނީ، ސަރުކާރުން އެފަރާތްތަކަށް މައުލޫމާތު ހާމަނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުންފަދަ ދަތިތައް ކުރިމަތި ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށާއި، ނޫސްވެރިންގެ ތަމްރީނާއި ކުރިއެރުމަށާއި އަދި މީޑިއާތަކުގެ މަސައްކަތްތަކަށް ފަހިވާނެހެން މިދާއިރާއިން ފުރުސަތު ތަނަވަސްކޮށްދިނުމަށްވެސް ގޮވާލާފައެވެ.

ނޫސްވެރިން އަދާކުރައްވާ ދައުރަކީ ވަރަށް ޒިއްމާދާރު ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކޮށް އިދިކޮޅުން ވަނީ ރެއާ ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކޯލިޝަންގެ ލީޑަރޝިޕްގެ ނަމުގައި ނޫސްވެރިންކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވާފައެވެ.