ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ، ހައިކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެމައްސަލަ ހައިކޯޓުގައި އަލުން ކުރިއަށްގެންދިޔުމަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި ތާވަލްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.

ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އޭގެކުރިންވެސް ދެފަހަރެއްގެ މަތީން އައްމަޓީ ދޫކޮށްލުމަށް ހުކުމްކޮށްފައިވާއިރު، ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޮންމެ ފަހަރަކުވެސް ހުކުމް ކުރެއެވެ.

ނަމަވެސް ތިންވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން، އެކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. ހައި ކޯޓުން ބުނެފައިވަނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގެން ނެތް ކަމަށެވެ.

އެއަށްފަހު ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ. ސުޕްރީމް ކޯޓުން އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިއާޔަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫން ކަމަށެވެ.

ނަމަވެސް މީގެކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި، ގާނޫނު ބާތިލުވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައި ހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލުނުވާނެ ކަމަށާއި، އެހެންކަމުން އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތަކުގައި، މުއްދަތު ގުނާނެ ގޮތާ މެދު ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔުގައި ތަފާތުވެފައެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.