ބަތަލާ ކަންގަނާ ރަނާވަޓުގެ އަމިއްލަ ޕްރޮޑަކްޝަންއިން އުފައްދާ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ރިލީޒްކުރާނީ އެމޭޒަން ޕްރައިމްއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ބޮލީވުޑްގެ ގިނަ ފިލްމުތައް ރިލީޒްކޮށްފައިވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގެ މަސައްކަތާއެކު ކޮވިޑް ކޭސްތައް އިންޑިއާގައިވެސް ކުރިޔަށްވުރެ މަދުވުމާއެކު އިންޑިއާގެ ތިއޭޓަރުތައް މިހާރުވަނީ އާއްމުންނަށް ހުޅުވާލެވިފައެވެ. ނަމަވެސް ސިނަމާތަކުގައި ފިލްމުތައް ރިލީޒްކުރުމަށް ބައެއް ޕްރޮޑިއުސަރުން ޝައުޤުހުރި ނަމަވެސް ސިނަމާތަކުގައި ރިލީޒް ކުރުމަށްފަހުވެސް ފިލްމު ޑިޖިޓަލް ޕްލެޓްފޯމްތަކަށްދަނީ ވިއްކާލަމުންނެވެ.
ކަންގަނާ ރަނާވަޓު ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމުގައި މެއިން ލީޑްއިން ފެނިގެންދާނީ އެކްޓަރު ނަވާޒުއްދީން ސީއްދީޤްއެވެ. ނަވާޒުއްދީންއާއެކު ބަތަލާގެ ރޯލްއިން ފެނިގެންދާނީ ނެށުންތެރިޔާ އަދި މޮޑެލް އަވްނީތް ކުމާރުއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކަންގނާ އެންމެ ފުރަތަމަ ފިލްމު އުފައްދަން ބޭނުންވީ އެކްޓަރު ނަވާޒުއްދީންގެ ބަދަލުގައި އެކްޓަރު އިރްފާން ޚާންއާއެކުއެވެ. ނަމަވެސް 2020 ވަނަ އަހަރު އެކްޓަރު އިރުފާން ޚާން ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގެ ޝިކާރައަކަށްވެ އެބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވުމާ ގުޅިގެން ފިލްމުގެ ރޯލް ދީފައިވަނީ އެކްޓަރު ނަވާޒުއްދީންއަށެވެ.
ފިލްމުގައި ނަވާޒުއްދީންއާއެކު ބަތަލާ އަވްނީތް ފެންނައިރު ދެ އެކްޓަރުންގެ ދެމެދުގައި އުމުރުގެ ގޮތުންވެސް 27 އަހަރުގެ ތަފާތު ހުރެއެވެ. އޭގެ ސަބަބުން ފިލްމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ. އެއަށް ރައްދެއްގެގޮތުން ޕްރޮޑިއުސަރު/ބަތަލާ ކަންގަނާ ބުނެފައިވަނީ ފިލްމުގައި ފެނިގެންދާ 2 ތަރިންވެސް ރޯލަށް ފިޓްވާ ކަމަށާއި އުމުރުގައި އެހާބޮޑު ތަފާތުކަމެއް ހުއްޓަސް ފިލްމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި ފިލްމުގެ މަސައްކަތް ފަށާފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ޝެޑިއުލްވަނީ މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ ނިންމާލާފައެވެ.
މިހާރު ފިލްމު ރިލީޒިންގް މަރުހަލާގައި އޮތްއިރު އެމޭޒަންއިން ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.