ޕްރޮޑިއުސަރު ރޯހިތް ޝެޓީއާއި ރިލަޔަންސް އެންޓަޓެއިންމަންޓް ގުޅިގެން އިންޑިއާގެ މުމްބާއީގެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ބައޮޕިކްއެއް އުފައްދަން ތައްޔާރުވެއްޖެއެވެ.
ޚަބަރު ލިބޭގޮތުގައި މިފިލްމުގައި ދައްކުވައިދޭނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރާކޭޝް މާރިއާގެ ކެރިއަރުގައި ތަޖުރިބާކުރި ތަފާތު އެކި ހާދިސާތަކުގެ ވާހަކައެވެ. ހަމައެއާއެކު ކޮމިޝަނަރ އޮފް ޕޮލިސްގެ ދިރިއުޅުން ބިނާވެފައިވާގޮތްވެސް ފިލްމުގައި ދައްކުވައިދޭނެއެވެ.
އުމުރުން މިހާރު 65އަހަރު ވެފައިވާ ރާކޭޝް މުމްބާއީގެ ސީޕީގެ މަޤާމު އަދާކުރައްވާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށެވެ.
މިބައޮޕިކްއާއި ބެހޭގޮތުން ވާހަކަދައްކަމުން ރޯހިތް ޝެޓީ ބުނެފައިވަނީ، 36 އަހަރު ވަންދެން އިންޑީއާގެ ޓެރަރިޒަމްއާއި ދެކޮޅަށް އަގުހުރި އެތައް މަސައްކަތްތަކެއް ސީޕީ ރާކޭޝްވަނީ ކޮށްދެއްވާފައެވެ.
ރާކޭޝް މާރިއާގެ މިދަތުރުގައި 1993 ވަނަ އަހަރު މުމްބާއީގައި ހިންގި ބޮމުގެ ހާދިސާއާއެކު ގިނަ ބައެއްގެ ހަނދާނުން ފޮހެލަން ދަތި 11/26 ގެ ޓެރަރިޒަމް ޙަމަލާތަކުގެ ސަފުހާތައް ވަރަށް ރަގަޅަށް ކިޔައިދޭނެ ކަމަށްވެސް ރޯހިތްވަނީ ބުނެފައެވެ.
މިފަދަ އަގުހުރި ހަނދާނުން ފޮހެލަން ދަތި އެތައް ހާދިސާއަކާއެކު އިންޑިއާއަށް އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ ފަރާތެއްގެ ބައޮޕިކް އުފައްދަން ލިބުމަކީ ޕްރޮޑިއުސަރަށް ލިބިގެންދިޔަ ފަޚުރެއްކަމަށްވެސް ރޯހިތްވަނީ ބުނެފައެވެ.
މިހާތަނަށް ރޯހިތް ބައޮޕިކް ފިލްމެއް އުފައްދާފައިނުވާއިރު މިފިލްމުގައި އޭނާ އަދާކުރާނީ ޑައިރެކްޓަރެއްގެ ދައުރުކަމެއް ނުވަތަ ޕްރޮޑިއުސަރެއްގެ ދައުރުކަމެއް އަދި ކަށަވަރެއް ނުވެއެވެ. އަދި މިފިލްމުގައި ކޮމިޝަނަރގެ ރޯލްއިން ފެނިގެންދާނީ ކޮން އެކްޓަރެއްކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
މިހާތަނަށް ރޯހިތްވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން "ކޮޕް ޔުނިވާސް" އިން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. ހެއްވާ މަޖާ ސީންތަކާއެކު ވަރަށް ވަރުގަދަ އެކްޝަން ފިލްމުތަކެއް ރޯހިތްވަނީ ގެނެސްދީފައެވެ.
މިހާތަނަށް ފުލުހެއްގެ ރޯލް ފެންނަ 3 ފިލްމެއް އޭނާވަނީ އުފައްދާފައެވެ. އެއީ ފިލްމު "ސިންގްހަމް"، "ސިމްބާ" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ސޫރްޔަވަންޝީ" އެވެ.
ރޯހިތްގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެމޭޒަން ޕްރައިމްއާއި ގުޅިގެން އުފައްދާ "އިންޑިއަން ޕޮލިސް ފޯސް" ވެބް ސީރީސް އަދި އެކްޓަރު ރަންވީރު ސިންގް މުހިއްމު ރޯލްއިން ފެންނަ ފިލްމު "ސަރކަސް" ހިމެނެއެވެ.