ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުގެ ތެރެއިން މިދިޔަ އޭޕްރިލް މަހު އެންމެ މަތިން ސާވިސް ޖާޗު ދިން ރިސޯޓަކަށް ވޭލާ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެއެވެ.

އެގޮތުން ވޭލާ ޕްރައިވެޓް އައިލެންޑުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 2،706.73 ޑޮލަރު (41،737 ރުފިޔާ) ބަހާފައިވެ އެވެ. ވެލާ ޕްރައިވެޓް އައިލެންޑަކީ، ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޭ އެއް ރިސޯޓުގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ ރިސޯޓެކެވެ.

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 1،000 ޑޮލަރަށްވުރެ ގިނައިން 14 ރިސޯޓަކުން ދީފައިވާކަން ފާހަގަކުރެވެއެވެ. އެންމެ ބޮޑު އަދަދެއް ދިން ވެލާ ޕްރައިވެޓް އައިލެންޑަށްފަހު ދެން އެންމެ ބޮޑު ސާވިސް ޗާޖު ދިނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2،383 ( 36،745) ޑޮލަރު ބަހާފައިވެ އެވެ. ތިންވަނަ އަށް އެންމެ ބޮޑު ސާވިސް ޖާޗެއް ދިން ފޯ ސީޒަން ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،946.18 (30،010) ޑޮލަރު ވަނީ ބަހައިފައެވެ.

1500 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޖާޗް ދިން ރިސޯޓްތައް:

  • ވާލްޑޯފް އެސްޓޯރިއާ އިތާފުށި: 1،916.69 ޑޮލަރު
  • ވަން އެންޑް އޮންލީ ރީތި ރަށް: 1،839 ޑޮލަރު
  • ދަ ރިޓްޒް ކަރލްޓޮން: 1،824.51 ޑޮލަރު
  • ދަ އެސްޓީ ރެޖިސް މޯލްޑިވްސް: 1،662.89 ޑޮލަރު
  • ނައުޓިލަސް މޯލްޑިވްސް: 1،550 ޑޮލަރު

ގާނޫނުގައި ބުނާގޮތުން، ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނަގަން ޖެހެއެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.