ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައާއި، ސްރީލަންކާ ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލަ، އެގައުމުގެ އެންމެބޮޑު އިދިކޮޅު ޕާޓީން ޕާލަމެންޓަށް ވައްދައިފިއެވެ.

މިދެ މައްސަލަ ޕާލަމެންޓަށް ވެއްދީ، އިދިކޮޅު ސަމަގި ޖަނަ ބަލަވެގަޔަ، އެސްޖޭބީ ޕާޓީންނެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގެ ލިއުން ސްރީލަންކާ ޕާލަމެންޓުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާއާ މިހާރުވަނީ ހަވާލުކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރައީސް ގޮޓަބާޔަ ރާޖަޕަކްސައާ ދެކޮޅަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލައަކީ ރަމްޒީ މައްސަލައެކެވެ. އެއީ، އެ މައްސަލަ ޕާލަމެންޓުން ފާސްކުރިޔަސް ގާނޫނީގޮތުން ރައީސް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާތީއެވެ.

އެހެން ކަން އޮތްނަމަވެސް އެ މައްސަލަ ޕާލަމެންޓަށް ވެއްދީ، ޕާލަމެންޓުގައި ރައީސަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާކަން ހާމަކުރުމުގެ ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އެކަމަކު، ސަރުކާރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ޕާލަމެންޓުގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ މިހާރު ހުންނެވި ބޮޑުވަޒީރާއެކު ސްރީލަންކާ ސަރުކާރު ވަގުތުން އިސްތިއުފާދޭން ޖެހެއެވެ.

ސްރީލަންކާގެ ރައީސާއި، އަދި ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ޕާޓީން ޕާލަމެންޓަށް މި ހުށަހެޅީ، މިދިޔަ ހަފްތާގައި ސަރުކާރު އިސްތިއުފާ ނުދީފިނަމަ އިތުބާރުނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވައްދާނޭ ކަމަށް ބުނުމަށްފަހުގައެވެ.

ސްރީލަންކާ ޕާލަމެންޓުގައި 225 މެމްބަރުން ހިމެނޭއިރު، ސަރުކާރުގެ އިތުބާރުނެތްކަމަށް ފާސްކުރަން 120 މެމްބަރުން ވޯޓުދޭނޭ ކަމަށް މިދިޔަ ހަފްތާގައި ހާމަކޮށްފައި ވެއެވެ. އިތުބާރުނެތްކަމަށް ވޯޓުދޭ މެމްބަރުންގެ ތެރޭގައި އިދިކޮޅު 3 ޕާޓީގެ މެމްބަރުންގެ އިތުރުން، ސަރުކާރުން ވެކިވެ ތާއީދު އަނބުރާ ގެންދިޔަ މިނިވަން ގްރޫޕްގެ މެމްބަރުންނާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ ބައެއް މެމްބަރުންނާއި، ސަރުކާރުން ވަކިވެ މުސްލިމް ޕާޓީގެ މެމްބަރުންވެސް ހިމެނެއެވެ.

އެކަމަކު، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިހާރުވަނީ، ސަރުކާރުގައި ބައިވެރިވާ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވައި، ހުރިހާ ޕާޓީއެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އުފައްދަވަން އެއްބަސްވެވަޑައި ގެންފައެވެ. އެގޮތުން، އިދިކޮޅު ޕާޓީތަކުންވެސް ޑިމާންޑް ކުރަމުންދާ ގޮތަށް މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ބަދަލުގައި އައު ބޮޑުވަޒީރެއް ހިމެނޭގޮތަށް ވަގުތީ ސަރުކާރު އެކުލަވާލަންވެސް ރައީސްވަނީ އެއްބަސްވެވަޑައި ގެންފައެވެ.

ރައީސާއި، ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ޕާޓީން ޕާލަމެންޓަށް ވެއްދިއިރު، ވަގުތީ ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތަކާއި މަސައްކަތްތަކުގައި އިދިކޮޅު ޕާޓީތައް އަދި ބައިވެރިއެއް ނުކުރެއެވެ. އެކަން އަދި ހިނގަނީ ސަރުކާރު ކޯލިޝަންގައި ބައިވެރިވާ ޕާޓީތަކާއި، ޕާލަމެންޓުގައި ސަރުކާރަށް ތާއީދުދޭ ޕާޓީތަކުގެ މެދުގައެވެ.

މަހިންދަ ރާޖަޕަކްސައާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވައި ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، މުޒާހަރާ ދުވަހެއް ދުވަހަކަށްދަނީ ފުޅާވަމުންނެވެ.