"މޯލްޑިވްސް އެޒް އަ ބަކެޓް-ލިސްޓް ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕެމިލިއަރައިޒޭޝަން ދަތުރެއްގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ބޮޑެތި މީޑިއާތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ދަތުރު ކުރިއަށް ދާނީ މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުގައި ރާއްޖެ އައި ޓީމުގައި ހިމެނެނީ ދެ ސަން، ސަންޑޭ މެއިލް، ހެލޯ މެގަޒިން، ހައުސް އޮފް ކޯކޯ މެގަޒިން އަދި އަބައުޓް ޓައިމްގެ ތަޖުރިބާކާރުންނެވެ. މިދަތުރުގެ ބައިވެރިން ތިބުމަށް ހަމަޖެހިފައި ވަނީ ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސް އަދި ފެއާމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިޒޯޓުގައެވެ.

މި ޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު މެހްމާންދާރީ ތަޖުރިބާކޮށް، ރިޒޯޓުން ލިބޭ ތަފާތު ހިދުމަތްތަކާއި، ކެއުންތަކަށް އިންސާފުކުރާނެއެވެ. އަދި މި ދަތުރުގައި ކުރާ ތަޖުރިބާތަކާއި، ޓީމު ތިބޭ ރިޒޯޓުތަކުގެ މައުލޫމާތު ހިމެނޭ ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، އާޓިކަލްތައް މި މީޑިއާތަކުގައި ޝާއިއުކުރާނެއެވެ. މި މަޖައްލާތަކާއި އޮންލައިން ނޫސްތަކަކީ އިނގިރޭސިވިލާތުގެ އޯޑިއަންސްތަކުގެ މެދުގައި މަޤުބޫލު މީޑިއާތަކެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުގެ ބޭނުމަކީ އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، އިތުރުކުރުންކަމަށެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމާއި، ރާއްޖޭގެ "ވަން އައިލެންޑް ވަން ރިޒޯޓް" ކޮންސެޕްޓްގެ ސަބަބުން ރާއްޖެ އަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތަކާއި، ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ޕްރޮމޯޓުކުރާނެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ މާކެޓްގެ ތެރެއިން އެއް މާކެޓެވެ. ފާއިތުވި އަހަރުތަކާއި އަޅާބަލާނަމަ މިއީ ބޮޑުވަމުން އަންނަ މާކެޓެކެވެ. މިއަހަރުގެ އޭޕްރިލް 28 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 560،996 ފަތުރުވެރިންޒިޔާރަތްކޮށްފައި ވެއެވެ. މިމުއްދަތުގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ 73,107 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްގެ ގޮތުގައެވެ. މިއީ ޖުމްލަ އެރައިވަލްސްއަށް ބަލާނަމަ 13.0 އިންސައްތައެވެ.