މި އަހަރުގެ އޯލެވެލް އިމްތިހާނު 5،939 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިިޔަލަށް ކުރިއަށްދާ މި އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެއެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13 އަދި 14 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިއަހަރުގެ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގައި ކުރިޔަށްދެއެވެ.

އިމްތިހާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ގެންދިޔުމުގެ މަސައްކަތް ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހުއެވެ.