މަދިރި މަދުކުރުމަށް މާލެތެރެ އާއި ވިލިމާލެތެރެ ކޮންމެ ދުވަހަކު ފޮގް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީގައި މަދިރި އިތުރުވިޔަ ނުދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

މޭޔަރު ވިދާޅުވީ މަދިރި އިތުރުވުން ހުއްޓުވުމަށްޓަކައި މާލެތެރެ ފޮގް ސްޕްރޭ ކުރުން އޭޕްރީލް 24 އިން ފެށިގެން ކޮންމެ ފަތިހަކު ކުރިއަށްދާ ކަމަށެވެ. ހަމަ އެގޮތަށް ވިލިމާލެތެރެ ފޮގް ކުރުން ވެސް އޭޕްރީލް 28 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ކާނުތަކަށް މަދިރިބޭސް އެޅުންވެސް ކުރިއަށްދާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް މާލެއާއި ވިލިމާލޭގެ މަގުތަކާއި ހުސް ބިންތައް ފޮގުކުރުމާއި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަނަށް ބޭސް އަޅައި އެތަންތަން ނައްތާލުމުގެ މަސައްކަތަކީ އާންމުކޮށް ވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމެކެވެ.

މިދުވަސްވަރު މިކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދަނީ މިދުވަސްވަރު ޑެންގީހުން އިތުރުވަމުން އަންނާތީއެވެ.

ޢީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާއިރު ޑެންގީ ފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ޚާއްޞަ ސަމާލުމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.