ދުނިޔޭގައި ކުރިމަތިވާ ހިތާމަތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށް އެކިމީހުން ކޮށް އުޅެނީ އެކި ކަންކަމެވެ.

ކުރިމަތިވާ ހިތާމަތަކުން އަރައިގަތުމަށް ބައެއް ފަރާތްތަކުން އަނދިރި މަގެއް ހިޔާރުކޮށް ގެއްލުމާއި ހަލާކުގެ ތެރެއަށް ދިއިރުޅުން އެއްލާލި ނަމަވެސް، އަނެއްބައި ފަރާތްތަކުން މިފަދަ ކަންތައްތަކުން އަރައިގަތުމަށް އިޚްތިޔާރު ކުރަނީ ފައިދާ ހުރި، އެހެން މީހުންނަށްވެސް ނަމޫނާ ދެއްކޭނެފަދަ ލާމަސީލު މަގެވެ.

އެގޮތުން އުމުރުން 46 އަހަރުގެ ދުވުންތެރިޔާ ޖެކީ ހަންޓް އަކީ މިފަދަ މިސާލެކެވެ.

އުމުރުން އެންމެ 26 އަހަރުގަ ޖެކީގެ ދިރިއުޅުމަށް މަޑުޖެހުމެއް އައީ، ފަޔަށް ޖެހުނު ކެންސަރަކާ ގުޅިގެން 2001 ވަނަ އަހަރުގައި އޭނާގެ އެއްފައި ބުރިކޮށްލަން ޖެހުނު ހިސާބުންނެވެ.

މިއާއެކު ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ޖެކީ އަށް ދިރިއުޅުމުގައި ބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނެއެވެ. އަމިއްލަ ސަފްސުދެކެ ރުޅި އާދެވި، ފައި ބުރިކޮށްލާ ޕްލާސްޓިކް ފައެއް ޖަހައިގެން އުޅެން ޖެހުމުގެ ސަބަބުން އަމިއްލަ ނަފްސުދެކެ އޭނާ ލަދުގަންނަންވެސް ފެއްޓިއެވެ. ޕްލާސްޓިކް ފައި ފޮރުވުމަށް މުޅިން ހެންވެސް ޖެކީ ލައި އުޅުނީ ފައި ފޮރުވޭނެ ވަރުގެ ދިގު ޖިންސެވެ.

އެހެންނަމަވެސް ޖެކީގެ އަޒުމަކަށް ބަދަލެއް ނައެވެ. އޭނާ ބޭނުންވީ އެހެން މީހުން ބަލައިގަންނާނެފަދަ، އެހެން މީހުން ރޯލް މޮޑެލް އެއްގެ ގޮތުގައި ދެކޭނެފަދަ ވަރުގަދަ ޝަހުސިއްޔަތަކަށް ވާށެވެ.

މި މަންޒިލަށް ވާސިލުވުމަށް ޖެކީ ދަތުރުފުށީ ދުވުމަށް ހާއްސަ ޕްލާސްޓީކް ފަޔެއް ހަރުކޮށްގެން 2016 ވަނަ އަހަރުގެ ތެރޭގައި ދުވުމުގެ ތެރެއަށް ވަދެގެންނެވެ. މި ދަތުރުގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އޭނާ މިވަނީ އުފާވެރި މަންޒިލަކަށް ވާސިލްވެފައެވެ. އޭނާ ބޭނުންވިފަދަ މީހަކަށް ވެފައެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ދިރިއުޅުމުގައި ލިޔެވުނު ކަޅު ސޮފްހާ އަކީ މާޒީކަމަށް ބަލައިގެން ކުރި މަސައްކަތަކުން ޖެކީގެ ހަޔާތް އަލިވިލުނީ، މާ އުޖާލާ، މާ ރީތި ފަތިހަކަށެވެ.

ޖެކީ މިވަނީ ޖެހިޖެހިގެން 104 ދުވަހުގެ ތެރޭގައި 104 މެރެތަން ދުވެގެން ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. އޭނާ މި ރެކޯޑް ގާއިމްކޮށްފައި ވަނީ އެމެރިކާގެ ބޮސްޓޮން އެތްލެޓިކް އެސޯސިއޭޝަން (ބީއޭއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މެސްޓޮން މެރެތަންގައި ދުވެގެންނެވެ.

އޭނާގެ ދުވުން ފެށީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެއާ ޖެހިގެން އައި ދުވަހު ފިނިޝިން ލައިން ހުރަސްކޮށް ތިންވަނަ ހޯދިއެވެ.

އެކަމަކު އޭނާގެ ދުވުން އެ ދުވަހަކުން ނިންމައެއް ނުލައެވެ. އަދި ޖުމުލަ 2،724.48 މޭލަށް ދުވެ ދުވުން ނިންމާލީ އިއްޔެއެވެ. އެއީ ޖުމުލަ 104 މެރެތަންއެވެ. މެރެތަނެއްގައި ހިމެނެނީ ގާތްގަނޑަކަށް 26 މޭލުގެ ދުވުމެވެ. އެއީ މެރަތަން އެއްގައި ގާތްގަނޑަކަށް ފަސް ގަޑީރެވެ.