މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އައްޑޫ ސީޓި މީދޫއަށް ކުރި އެއް ދުވަހުގެ ދަތުރުގައި އެރަށުގެ ގިނަބައެއްގެ ހިތުގައި އަޅަމުންދާ ވޭނެއް އިހުސާސް ކުރެވުނެވެ. އެމަންޒަރު ވެގެން ދިޔައީ، އަޅުގަނޑު ހިތުގައިވެސް ހަމަ އެ ވޭން އެޅި މަންޒަރަކަށެވެ. އަޅުގަނޑުގެ އުފަން ފަސްގަނޑުގައި ހުރި ޝަމްސުއްދީން ސްކޫލް ފެނުމުން ހިތުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދުނެވެ.

78 އަހަރުގެ ދިގު މާޒީއެއް އޮންނަ ޝަމްސުދީން ސްކޫލް ވިރާނާވެފައިވާ މަންޒަރު ފެނުމުން އަޅުގަނޑުގެ ހިތަށްވެސް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އައްޑޫ މީދޫ އަކީ ތައުލީމީ ގޮތުން މުޅި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ތައުލީމީ ގިނަ ބަޔަކު އުފެދިގެން އައި ރަށެކެވެ.

ތައުލީމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދިން ތައުލީމީ ދަރިންތަކެއް އުފެދުނު މީދޫ، ޝަމްސުއްދީން ސްކޫލަކީ އެކި ދުވަސްވަރު އެކިނަންނަމުގައި ހިންގަމުން އައިސް ރަސްމީ ލިޔުންތަކުން ފެންނަ ގޮތުން ނަމަ، މިހާރު 78 އަހަރުވެފައިވާ ސުކޫލެކެވެެ.

ދިވެހި ތާރީހަށް ފީނާލާއިރު އެ ސްކޫލްގެ ދިގު ތާރީހާއި މުޅި ދިވެހި ގައުމުން އަނދިރިކަން ފިލުވައިލުމުގައި އެ ސްކޫލުން އަދާކޮށްފައިވާ ދައުރު ފެންނާނެއެވެ. ސަލާހުއްދީނާއި ބޮޑުފެންވަޅުގޭ ސީދީ އާއި މިހެންގޮސް ރާއްޖޭގެ ނަން މަޝްހޫރު އެތައް އިލްމުވެރިންނެއް އުފެދިގެން އައީ މީދޫގެ ތައުލީމީ ބިންގާގެ ދަށުންނެވެ.

ޝަމްސުއްދީން ސްކޫލަކީ މީދޫ ގިނަ ދަރިވަރުންގެ ތައުލީމީ ބިންގާ އެޅިގެން ދިޔަ ސްކޫލެވެ. އެ ސްކޫލުގައި ވަނީ އެތައް ކުދިންނެއްގެ ޅައުމުރުގެ ފޮނި ހަނދާންތަކެކެވެ. އެތަނުގައި މީގެ ކުރިން ހައްދާފައިވާ ރީތި ބަގީޗާތަކުން ދައްކުވެއިދިނީ ބެލެނެވެރިންގެ ހިތުގައި ސްކޫލަށް ދެވިފައިވާ މަގާމެވެ. ކްލާސް ރޫމްތަކުގައިވާ ރީތި ޑިޒައިންތަކުން ދައްކުވައިދެނީ ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓްގެ ބުރަ މަސައްކަތެވެ.

އެހެންނަމަވެސް މިއަދު މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. އެ އުފާވެރިކަމެއް މިހާރު އެ ސްކޫލަކުން ފެންނާކަށް ނެތެވެ. މިހާރު ޝަމްސުއްދީން ސްކޫލް ހުރި ބިމުން ފެންނަނީ ވީރާނާކަމާއި ފަޅުކަމެވެ. އެތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެ ނެތިދާން ކައިރިވެފައިވާ މަންޒަރެވެ. އެތަނުގެ މާ ބޮޑު ބޭނުމެއް ނުހިފި، ދޫކޮށްލެވިފައިވާ ތަނެވެ. އައްޑޫ މީދޫގައި ހިންގާ ޝަމްސުއްދީން ސްކޫލް އުވާލައި އެތަނުގައި ކިޔަވާ ކުދިން ސ.އަތޮޅު މަދަރަސާއަށް ބަދަލުކުރީ 2019 ވަނަ އަހަރުގައެވެ. ރާއްޖޭގެ އެންމެ ދުވަސް ވީ އެއް ސްކޫލް ކަމަށްވާ ޝަމްސުއްދީން ސްކޫލް ބަންދުކުރަނީ އައްޑޫގެ ބައެއް ސްކޫލްތައް ހިންގަން ގެންނަ ބަދަލުތަކުގެ ތެރެއިންނެވެ.

"ފޭސް އިން އަދި ފޭސް އައުޓް" ސިޔާސަތުގެ ދަށުން މި ސްކޫލު ބަދަލުކުރަން އުޅުމުން އޭރުވެސް މިކަމާއި ބެލެނެވެރިން ކަންބޮޑުވުންފާޅުކޮށް ވާހަކަދެއްވިއެވެ. ވީނިއުސް އާއި ވަހަކަދައްކަމުން މީދޫގެ މީހަކު ބުނީ ޝަމްސުއްދީން ސްކޫލް ވީރާނަވެފަވާ މަންޒަރު ފެނުމުން ވަރަށް ދެރަވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް2 ޝަމްސުއްދީން ސްކޫލުގައި އޮންނަން. ދެން ކީސްޓޭޖް 3އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކުދިން ސ.އަތޮޅު މަދަރަސާއަށް ބަދަލުކުރަން. އެކަމަކު ސަރުކާރުން މި ސްކޫލް އެއްކޮށް ބަންދުކޮށްލީ. އޭރުވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ތާރީހާއި ގުޅިފައިވާ ސްކޫލެއް ވިރާނެވެގެން ދިއުން. އެކަމަކު އޭރު ވާހަކަދެކެވުނު ތައުލީމީ އެހެންކަމަކަށް މިތަން ބޭނުން ކުރަން."
މީދޫ ރައްޔިތެއް

އޭރު ވާހަކަދެކެވުނު ގޮތަށް ޝަމްސުއްދީން ސްކޫލް މިހާރު ހަވާލުކޮށްފައިވަނީ އިސްލާމިކް ޔުނިވާސިޓީ އާއެވެ. އައިޔޫއެމް އިން އައްޑޫގައި ފެކަލްޓީ ގާއިމުކޮށް ހިންގަން ފެށީ 2021 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެތަނުން އެއްވެސް އާބާދުކަމެއް އަދިވެސް ފެންނާކަށް ނެތެވެ. އެތަނުގައި މަސައްކަތު މީހުންނާއި ސެކިއުރިޓީއިން ލާފައިވާއިރު، ބައެއް ދުވަސް ވަރު އެތަނުގައި ކޯސްތައްވެސް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ތަނުގެ އުމްރާނީ ތަރައްގީއަށް އެއްވެސް ކަމެއްކޮށްފައިވާ މަންޒަރެއް ފެންނާކަށް ނެތެވެ. އެއްވެސް ދިރުމެއް ނެތެވެ.

ކޮންމެއަކަސް ވަކި ރަށެއްގައި ހުއްޓޭ ކިޔައިފައި މަދަރުސާއެއް ހާއްސައެއް ނުވާނެއެވެ. ހުރިހާ ސްކޫލެއްވެސް ހަމަހަމައެވެ. އެކަމަކު ތާރީހަށާއި އެނޫންވެސް ކަންކަމަށް ބަލައިފައި، ތަންތަން ހުރުމަތްތެރިވެ ހާއްސަވެއެވެ. އެ ގޮތުން ޝަމްސުއްދީން ސްކޫލަކީ އެ ރަށުގެ މީހުންނަށް ހާއްސަ ސްކޫލެކެވެ.

މި ސްކޫލް މިހާރު ފެންނަ ކޮންމެ މިހާކުވެސް ނުވަތަ އެ ސްކޫލުން ތައުލީމު ހާސިލް ކުރި ކޮންމެ ދަރިވަރަކުވެސް މިހާރު އެތަން ހުރި ގޮތް ފެނުމުން ދެރަވާނެއެވެ. ހުދު އަޅުގަނޑުވެސް އެ މަންޒަރު ފެނި ދެރަވިއެވެ.