ދިވެހި ޒުވާނުން ތަކެއް ގުޅިގެން އުފައްދާފައިވާ އެނިމޭޝަންސްއަށް ހާއްސަ ޕްލެޓްފޯމް ލޮޓީފައިލްސްއަށް އިތުރު 37 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ލިބިއްޖެއެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އިސްވެ އެކަކަށް ހުންނަވައި ފެށި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ކުންފުންޏަށް ސީރީޒް ބީ ނުވަތަ އިންވެސްޓްމަންޓް ހޯދުމުގެ ދެވަނަ ބުރުގައި 37 މިލިއަން ޑޮލަރު ލިބުނުކަން ވަނީ އިއުލާނުކޮށްފައެވެ.

ލޮޓީފައިލްސްއަށް އިތުރު އިންވެސްޓްމަންޓް ލިބުނުކަން އިއުލާނުކޮށް ބުނީ މި ބުރުގައި ފަސް ފަރާތަކުން އިންވެސްޓްކޮށްފައިވާއިރު މީގެ ތެރޭގައި މަޝްހޫރު ޓެކްނޮލޮޖީ ޖަޔަންޓް މައިކްރޮސޮފްޓް ވެސް ހިމެނޭ ކަމަށެވެ.

ލޮޓީފައިސްލްއަށް މީގެ ކުރިން ވެސް މައިކްރޮސޮފްޓްގެ ވެންޗާ ފަންޑުން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ދީފައިވެއެވެ.

މި އިންވެސްޓްމަންޓާއެކު އެ ކުންފުންޏަށް ލިބުނު އިންވެސްޓްމަންޓުގެ އަގު ވަނީ 47 މިލިއަން ޑޮލަރަށް އުފުލިފައެވެ.

އަލަށް ލިބުނު ބޮޑު އިންވެސްޓްމަންޓާއި ގުޅިގެން ރާއްޖޭގެ ޓެކޮނޮލޮޖީ އަދި އެންވަޔަރމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ އެ ކުންފުންޏަށް ތަޙުނިޔާ ދަންނަވައިފައެވެ.

ލޮޓީފައިލްސް އަކީ މި ކުންފުނީގެ މިހާރުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީޓީއޯ) ނައްޓު އާއި ސީއީއޯ ޝިޓީޖް މިންގްލާނީ އިސްވެ ތިބެ 2017 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.