ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭގެ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހާތަނަށް އެކުލަވާލާފައި ނެތް ކަމަށާއި، ނަމަވެސް އެފަދަ އުސޫލެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ބައެއް ފަހަރު ނޭނގިހުރެ ގޮސް ޖޫރިމަނާ ބޮޑުވެފައި ހުންނަކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އަސްލު ބިލަށް ވުރެ ޖޫރިމަނާ އެތަށް ތަނެއް ބޮޑުވާ ހާލަތްވެސް މެދުވެރިވާ ކަމަށެވެ. އެގޮތުން، ބިލް ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނުވަތަ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލްގެ ޖޫރިމަނާ އަރާނަމަ، އެޖޫރިމަނާ މައާފް ކުރާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން، ސްޓެލްކޯގެ ހިދުމަތަށް އެދޭ ފޯމުތައް ޒަމާނީކޮށް، އެއްފަހަރު ހިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭނަމަ ދެވަނަ ފަހަރަށް ފޯމު ފުރަން ނުޖެހޭ ފަދަ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަދި، މިހާރު ލިބެމުންދާ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަކަމަށާއި، އެކަމަށްވެސް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.