ފިލްމީ ދާއިރާއާއި އަލުން ގުޅެން ބޭނުންވި އެންމެ ބޮޑު އެއް ބޭނުމަކީ، އަމިއްލަ މީހާގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދޭތީކަމަށް ކުރީގެ ކާމިޔާބު ބަތަލާ ނީތޫ ކަޕޫރު ބުނެފިއެވެ.

ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރުގެ މަރަށް 2 އަހަރު ވުމާއިގުޅިގެން ނީތޫގެ އިހުސާސްތައް އޯޑިއަންސަށް ބަންޑުންކޮށްލާފައިވަނީ މިހާރު ޖަޖެއްގެ ގޮތުގައި ފެންނަ ޑާންސް ދިވާނޭ ޖޫނިއަރސްގެ ޝޯވްގައެވެ.

މިޝޯވްގައި ބައިވެރިވި ކުޑަ ކުއްޖެއްގެ މާމަގެ ފަރާތުން މީގެ 45 އަހަރުކުރިން އެކްޓަރު ރިޝީ ކަޕޫރާ ބައްދަލުވެވުނު ކަމަށާއި އަދި އޭނާގެ އާއިލާގެ މީހުންނަށް ރިޝީގެ އެހީ ވަރަށް ގިނަ ފަހަރުމަތިން ލިބިފައިވާކަމަށް އެކުއްޖާގެ މާމަވަނީ ބުނެފައެވެ.

ހަމަ އެވަގުތު ބަތަލާ ނީތޫގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރިގެންދިޔަ މަންޒަރާއެކު ގިނަ ބަޔަކަށް އެމަންޒަރުބަލަން އުނދަގޫވި މަންޒަރު ވަރަށް ރަގަޅަށް މިޝޯވްގެ އެ އެޕިސޯޑުން ފެނިގެންދެއެވެ.

ނީތޫ ބުނެފައިވަނީ ރިޝީގެ މަރަށްފަހު ފިރިމީހާއާއި ވަކިން ހޭދަކުރާ ކޮންމެ ދުވަހަކީވެސް ފިރިމީހާގެ މަތިން ހަނދާންވެ ވަރަށް ހިތްދަތި ވަގުތުތަކެއް ތަހައްމަލުކުރާ ދުވަސްތަކެކެވެ. އަދި މިއަދާ ހަމައަށްވެސް މަސައްކަތްކުރަނީ އަމިއްލަ ނަފުސު މާޔޫސްކަންމަތީ ނުބަހައްޓާ ތިމާގެ އަމިއްލަ ނަފުސު އުފާވެރިކަންމަތި ދެމެހެއްޓުމަށްޓަކައި ކަމަށްވެސް ނީތޫވަނީ ބުނެފައެވެ.

އެހެންނަމަވެސް ރިޝީ ދުނިޔޭގައި ނެތަސް ރިޝީއާއި ކޮންމެވެސްގޮތަކުން ގުޅިފައިވާ ކޮންމެވެސް މީހަކާ އޭނާއާއި ބައްދަލުވެވޭކަމަށް ނީތޫވަނީ ބުނެފައެވެ. އަދި އެފަދަ ކޮންމެ ބައްދަލުވުމަކުންވެސް ރިޝީގެ ހަނދާންތައް އިތުރަށް އާވެ އޭނާއާއި ބެހޭގޮތުން ނޭނގޭ އާ ވާހަކައެއް އެނގޭކަމަށްވެސް ނީތޫވަނީ ބުނެފައެވެ.

ކާމިޔާބު ރީތި އެތައް ފިލްމެއް ރިޝީ ކަޕޫރާއެކު ކުޅެފައިވާ ބަތަލާ ނީތޫއާއި ރިޝީ ކައިވެނިކުރީ 1980 ވަނަ އަހަރުއެވެ. 45 އަހަރު ވަންދެން 2 މީހުން އެކީގައި ހަޔާތް ވޭތުކޮށްފައިވާއިރު ގާތްގަނޑަކަށް ނީތޫގެ ހަޔާތުގެ ބައިގަރުނު އޭނާ ހޭދަކޮށްފައިވަނީ ރިޝީ ކަޕޫރާއެކުއެވެ. އެހެންކަމުން އެހަނދާންތަކާއި ދުރަށް ދިއުމަކީ ދަތި ހިތްދަތިކަމެއްގެގޮތުގައި ބަތަލާ ސިފަކުރެއެވެ.

ނީތޫ ގަބޫލުކުރާގޮތުގައި ރިޝީވެސް ބޭނުންވާނީ އޭނާގެ އާއިލާގެ މެމްބަރުން އުދާސްކަމުން އަރައިގަނެ ދިރިއުޅުމާއިގެން ކުރިޔަށްގޮސް އުފަލުގައި ތިބުމަށެވެ. އެހެންކަމުން ފިލްމީ މަސައްކަތްތަކަށް އެނބުރި އައުން ވެގެންދިޔައީ އެކަމަށް ވަރަށް ބޮޑަށް މަގުފަހިކުރުވި ކަމެއްކަމަށް ނީތޫވަނީ ބުނެފައެވެ. ހަމައެއާއެކު އަމިއްލަ 2 ކުދިންކަމަށްވާ ރަންބީރް ކަޕޫރު އަދި ރިދިމާ ކަޕޫރުގެ ފަރާތުން އެކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަމަށްވެސް ނީތޫވަނީ ބުނެފައެވެ.

މިވަގުތު ޑާންސް ދިވާނޭ ޝޯވްގައި ޖަޖެއްގެ މަގާމު ފުރަމުން އަންނައިރު އޭނާވަނީ ދަރްމާ ޕްރޮޑަކްޝަންގެ ކުރިޔަށް އޮތް ފިލްމު "ޖުގް ޖުގް ޖިއޯ" ގައިވެސް މުހިއްމު ރޯލެއް ކުޅެފައެވެ.