އެކްޓަރު އަޖޭ ދޭވްގަންއާއި ބަތަލާ ތާބޫ މުހިއްމު ރޯލްއިން ފެނިގެންދިޔަ "ދްރިޝްޔަމް" ގެ ސީކުއެލްއާއި އެކްޓަރު އަކްޝޭ ކަންނާ ގުޅިއްޖެއެވެ.

ތާބޫގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން އެކްޓަރު އަކްޝޭ ކަންނާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން މިޚަބަރުވަނީ ކަށަވަރު ކޮށްދީފައެވެ. ތާބޫ ބުނެފައިވަނީ އަކްޝޭ ކަހަލަ ކުޅަދާނަ އެކްޓަރަކާއެކު މަސައްކަތްކޮށްލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުރީގެ އެކްޓަރު ވިނޯދް ކަންނާގެ ދަރިފުޅު އަކްޝޭ ކަންނާ ފިލްމީ ދާއިރާއާއި ގުޅިފައިވަނީ 1997 ވަނަ އަހަރު ފިލްމު "ހިމާލަޔާ ޕުތްރާ" އިންނެވެ. އެއަހަރުގެ އެންމެ މޮޅު ސަޕޯޓިންގް ރޯލްގެ އެވޯޑް އުފުލާލުމަށްފަހު އޭނާގެ ފިލްމީ ކެރިއަރު ވައިގައި ހިފީ 1999 ވަނަ އަހަރު ކުޅުނު ލޯބީގެ ރީތި ފިލްމު "ތާލް" ގައި ދެއްކި މޮޅު އެކްޓިންގެ ހުނަރުންނެވެ. އެއަށްފަހު ފިލްމު "ދިލްޗަހަތޭހޭ"، ކޮމެޑީ ފިލްމު "ހަންގާމާ" އަދި ފިލްމު "ހަލްޗަލް" އިން އަކްޝޭއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދިޔައެވެ.

އެއަށްފަހު ދެން އަކްޝޭ ފެނިގެންގޮސްފައިވަނީ ގިނައިން ނުބައިބައި ރޯލްތަކުންނެވެ. އެކްޓަރު އަޖޭއާއެކު ފިލްމު "ދްރިޝްޔަމް 2" އަށް އަކްޝޭ ސޮއިކޮށްފައި ވާއިރު މީގެކުރިންވެސް 2 އެކްޓަރުންވަނީ އެކުގައި މަސައްކަތް ކޮށްފައެވެ. އެއީ 2002 ވަނަ އަހަރު ރިލީޒްވި ފިލްމު "ދީވާންގީ" ގައެވެ.

2013 ވަނަ އަހަރު ރިލީޒްވި މަލަޔާޅަމް ފިލްމުގެ ރިމޭކް "ދްރިޝްޔަމް" ގެ ސީކުއެލްއިން އަކްޝޭ ފެނިގެންދާނީ ކޮން ރޯލަކުންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގައި ބަތަލާ ތާބޫ ފުލުހެއްގެ ރޯލްއިން ފެންނައިރު މިފަހަރުގެ ބައިންވެސް އަޖޭ ފެނިގެންދާނީ އަމިއްލަ އާއިލާއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުންވެސް އާއިލާގެ މެމްބަރުން ހިމާޔަތްކޮށްދޭ ޒިންމާދާރު ބައްޕައެއްގެ ރޯލުންނެވެ.

https://www.youtube.com/watch?v=AuuX2j14NBg