ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްވާން ފެށުމާ ގުޅިގެން ޗައިނާގެ ވެރިރަށް ބެއިޖިންގުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.

އެގޮތުން، ބެއިންޖިންގެ ގިނަ ރޭލު ދަތުރުތަކާއި ބަސް ދަތުރުތައްވެސް މިއަދުވަނީ ހުއްޓާލާފައެވެ. ރޭލާއި ބަސް ދަތުރުތައް ބޮޑަށް ހުއްޓާލާފައިވަނީ ބެއިޖިންގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ޗައޮޔަންގް ސަރަހައްދުންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ފިޔަވަޅުތައް ހަރުކަށި މިކުރީ، ޗައިނާގެ ދެވަނައަށް އެންމެބޮޑު ސިޓީ ކަމަށްވާ ޝަންހާއީއަށް ޖެހިފައިވާ ހާލު ޖެހުނަ ނުދިނުމަށެވެ. ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މީހުން މަރުވާން ފެށުމުން ޝަންހާއީ ލޮކްޑައުންގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

ކޮވިޑްގެ ބަލީގެ ހާލަތު ގޯސްވާން ފެށުމުން ޗައިނާގެ ޒެންގްޒޫވެސް އިއްޔެއިން ފެށިގެންވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގާފައެވެ. ޒެނެގްޒޫއަކީ 12.6 މިލިއަން މީހުންގެ އާބަދީއެއް އޮންނަ ސިޓީއެކެވެ. ،އެ ސިޓީއަކީ އެޕަލް އައިފޯން ޗައިނާގައި އުފައްދާ ފޮކްސްކޮން ފެކްޓަރީވެސް ހުންނަ ސިޓީއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ޝަންހާއީއާއި، ވެރިރަށް ބެއިޖިންގާއި، ޒެންގްޒޫގެ އިތުރުންވެސް ޗައިނާގެ އެތައް ސިޓީއެއްގައި ދަނީ ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ވެރިރަށް ބެއިޖިންގުން މަސައްކަތް ކުރަމުން ގެންދަނީ ފުލް ލޮކްޑައުންއަކަށް ނުގޮސް ފަރުޖެއްސޭތޯ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން، ޝަންހާއީންވެސް ހެދިގޮތަށް ބެއިޖިންގުން މިހާރުދަނީ އެއްފަހަރާ އެތައް ބަޔަކު ޓެސްޓުކޮށް ބަލިހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގަކީ 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ކޮވިޑާހެދި ބެއިޖިންގުގެ ހުރިހާ ސްކޫލްތަކާއި ބައެއް ވިޔަފާރިތަކާއި، ކޭސްތައް ގިނައިން ފެނިފައިވާ ސަރަހައްދުތަކުގެ އިމާރާތްތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ.

ބެއިޖިންގް ފުލް ލޮކްޑައުންއަކަށް ހިނގައިދާނެތީ އާންމުން މިހާރު ގެންދަނީ ޟަރޫރީ ތަކެތި ގަނެ އެއްކުރަން ފަށާފައެވެ.

ކޮވިޑްބަލި ޗައިނާގައި ވަރުގަދައަށް ފެތުރޭން ފެށުމުން އެކަން ހުއްޓުވުމަށް ސަރުކާރުން އަޅަންފެށި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ އުފެއްދުންތެރިކަން ދަށަށްގޮސް، އެގައުމުގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ކުންފުނިތަކަށްވެސް އޭގެ ނޭދެވޭ އަސަރުތައް ފޯރަން ފަށާފައިވާ ކަމަށް އަލަށް ހާމާވާން ފަށާފައި ވެއެވެ.