ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްވިޓޭ ބޭނުންކުރައްވަން ފައްޓަވައިފިއެވެ.

މިރޭ 19:17 ގައި ރައީސް ޔާމީންވަނީ އެމަނިކުފާނުގެ އެކައުންޓުން ފުރަތަމަ ޓްވީޓް ކުރައްވާފައެވެ. އެ ޓްވީޓުގައި ލިޔުއްވާފައިވަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ.

އޭގެފަހުން 19:19 ގައި ދިވެހިރާއްޖޭގެ ގައުމީ ދިދައިގެ ފޮޓޯއެއް ހިއްސާކުރެއްވުމަށްފަހު، ދިވެއްސަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ޓްވިޓާ ބޭނުން ކުރައްވާފައިނުވާއިރު، މިއީ ރައީސް ޔާމީން އަމިއްލަފުޅު ޓްވިޓާ އެކައުންޓެއް ބޭނުން ކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

އެމަނިކުފާނުގެ އެކައުންޓަށް މިވަގުތު 800 އަށް ވުރެ ގިނަ މީހުން ފޮލޯކުރަމުންދާއިރު، އެމަނިކުފާނު ފޮލާކުރައްވާފައިވަނީ ޕީޕީއެމްގެ ރަސްމީ އެކައުންޓަށް އެކަންޏެވެ.

ރައީސް ޔާމީން ޓްވިޓާ ބޭނުންކުރައް ފައްޓަވާފައި މިވަނީ، އެމަނިކުފާނު އިސްކޮށް ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.