މިހާރު ކުރިއަށްދާ އުމްރާ އަޅުކަމުގެ ސީޒަން، ޝައްވާލްމަހުގެ 30 ވަނަ ދުވަހު ނިމުމަކަށް ގެންނަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.
ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުދަދުވަހު ނެރުނު ސާރކިއުލާއެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ބޭރުން އުމްރާ ވިސާގައި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް މިފަހަރުގެ އުމްރާ ސީޒަން ޝައްވާލްމަހުގެ ނިޔަލަށް ނިމޭނޭ ކަމަށެވެ.
އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަމީހުން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރަނީ ރަމަޟާންމަހުގެ ތެރޭގައެވެ. އެގޮތުން، ރަމަޟާންމަސް ވެގެންދަނީ އުމްރާގެ އަޅުކަމަށް އަންނަ މީހުންގެ އަދަދު އެންމެ މައްޗަށް އަރައިގެންދާދުވަސް ވަރަށެވެ.
ކޮވިޑްބަލީގެ ހާލަތާހެދި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އައުމަށް އެއްވެސް މީހަކަށް ފުރުސަތު ދީފައެއް ނުވެއެވެ.
ނަމަވެސް، ބަލީގެ ހާލަތު ރަނގަޅުވެ މިއަހަރު އެ ފުރުސަތު ހުޅުވާލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުން މައްކާއަށާއި މަދީނާއަށް ޒިޔާރަތްކޮށް އުމްރަގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ.
މަސްޖިދުލް ޙަރަމްއަށް އަލަށް އިތުރު ކުރެވުނު ޖާގައާއެކު، މި ރަމަޟާންމަހުގެ ތެރޭގައި އުމްރާގެ އަޅުކަމާއި، ފަސްވަގުތުގެ ނަމާދަށާއި، ތަރާވީޙް ނަމާދުގެ އިތުރުން، ތަހައްޖުދު ނަމާދަށް ގާތްގަނޑަކަށް 19 މިލިއަނަށްވުރެ ގިނަ މުސްލިމުން ޙަރަމްފުޅަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ސައުދީން ބުނެއެވެ.
ގައުމުން ބޭރުން އަންނަ މީހުންނަށް މިހާރު ކުރިއަށްދާ އުމްރާ އަޅުކަމުގެ ސީޒަން ނިންމާ ތާރީޚް ސައުދީން އިއުލާން ކުރިއިރު، ސައުދީ ސަރުކާރުން ބުނެފައިވަނީ، ކުރިއަށްއޮތް ހައްޖުގެ އަޅުކަމަށް އައުމަށް ރަޖިސްޓަރީވާން ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި ހައްޖުގެ އަޅުކަމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުތައް ރަސްމީ އިދާރާތައް މެދުވެރިކޮށް ހާމަކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.