ހަތިޔާރު ނުވަތަ ޔޫކްރެއިން ސިފައިން ބޭނުންކުރަން ފޮނުވާ އެއްވެސް އެއްޗެއް ހިފައިގެން ޔޫކްރެއިނަށް އެތެރެވާ ނޭޓޯގެ ކޮންމެ އުޅަނދަކަށް ހަމަލާ ދޭނޭކަމަށް ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު އިންޒާރު ކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ، ހަޔިޔާރު ހިފައިގެން ޔޫކްރެއިނަށް ވަންނަ ނޭޓޯގެ ކޮންމެ އުޅަނދަކީ ރަޝިޔާ ސިފައިންގެ މައިގަނޑު އަމާޒަކަށް ހަދާނެ ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު މިކަމުގެ އިންޒާރު މިދެއްވީ، ރަޝިޔާގެ ދިފާއީ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ސަރްގެއި ޝޮއިގު ވިދާޅުވީ، ނޭޓޯގެ އިތުރުން، އެމެރިކާއިން ގެންދަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުން ކަމަށެވެ.

ރަޝިޔާ ދިފާއީ ވަޒީރުގެ އިންޒާރު އައިއިރުވެސް، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާތު އެތެރެކުރާ ކަމަށް ރަޝިޔާއިން ތުހުމަތުކުރާ މަގުތަކަށް ރަޝިޔާ ސިފައިން ރޭގައިވަނީ ވަރަށް ވަރުގަދައަށް ބޮން އަޅާފައެވެ.

އެގޮތުން، ކަނޑާއި ވައިގެމަގުން މިސައިލް ހަމަލާތަކާއި ބޮން އަޅައިގެން ޔޫކްރެއިންގެ 5 ރޭލު ސްޓޭޝަނެއްގެ ކަރަންޓު ވިއުގައާއި، ސްޓޭޝަން ހިންގާ އިމާރާތްތައް ރަޝިޔާ ސިފައިންވަނީ ފުނޑުފުނޑު ކޮށްލާފައެވެ.

މީގެއިތުރުން، ޔޫކްރެއިން ސިފައިންގެ ތަންތަނަށާއި، ތެޔޮ ރައްކާކުރާ ތަންތަނާއި، އެތައް ހަތިޔާރު ގުދަނަކަށްވެސް ބޮންއަޅައި ގޮއްވާލާފައި ވެއެވެ.

ރަޝިޔާ ސިފައިން ބޮންއަޅައި ގޮއްވާލި ތަނެއްގައި އަލިފާން ރޯވެ އަނދަނީ:

ޔޫކްރެއިންގެ މެދުތެރޭ ޗަރްކަސީއާއި، ޑްނިޕްރޮ އަދި ދެކުނުން ޒެޕޮރިޒިޔާގައި ރޭ އިންޒާރުގެ ރަނގަބީލުގެ އަޑު މެދުނުކެނޑޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ރަޝިޔާ ސިފައިންގެ ހަމަލާތައް އާންމު އިމާރާތްތަކަށްވެސް އަމާޒުކުރާ ކަމަށާއި، ރޭލު ސްޓޭޝަންތައް ގޮއްވާލައި ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިންގެ ހިތްވަރު ބަލިކަށި ކޮށްލުން ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު ވިދާޅުވީ، ޑޮންބަސްގެ ބޮޑުބައެއް ކޮންޓްރޯލް ކުރަނީ ރަޝިޔާ ސިފައިންނާއި، ލުހާންސްކް އަދި ޑޮނެސްކްގެ ފައުޖުތަކުން ކަމަށާއި، ސިފައިންގެ މަގްސަދު ހާސިލްވަމުންދާ ކަމަށެވެ.

ހަމަ އެއާއެކު، ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކުގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ސިފައިން އެކްޓިވް ރޯލެއް ކުޅެމުންދާ ކަމަށާއި، އާންމުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ކޮންމެ ދުވަހަކުވެސް ހިއުމަނިޓޭރިއަން ކޮރިޑޯރސްތައް ހުޅުވައިދެމުން ގެންދާ ކަމަށް ރަޝިޔާގެ ދިފާއީ ވަޒީރުގެ ވާހަކައިގައި ވިދާޅުވިއެވެ.