ޓެސްލާ ކުންފުނީގެ ޗީފް އެގްޒެކެޓިވް، ބިލިއަނަރ އެލަން މަސްކުގެ ވެރިކަމުގެދަށުން ޓްވިޓަރ ކުންފުނީގެ ކަންކަން ބައްޓަން ވެގެން ހިނގައިދާނެ ގޮތަކާމެދު އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދިއްޖެއެވެ.

އެލަން މަސްކް ގެންދަނީ، އޭނާގެ ވެރިކަމުގެ ދަށުން ޓްވިޓަރއަށް އަތުވެދާނެ އެކިއެކި ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކޮށް ޓްވީޓްތައް ކުރަމުންނެވެ. އަދި އެހެން ޕްލެޓްފޯމްތަކުގައިވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އޭގެ އެއް ކަމެއްގެގޮތުން، ވިޔަފާރީގެ ބޭނުންތަކުގައި ޓްވިޓަރ ބޭނުންކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބޭނުންތަކަށް ޓްވިޓަރ ބޭނުންކުރާ މީހުންގެއަތުން "ކުޑަ ފީއެއް" ނަގަން ޖެހިދާނެކަމުގެ އިޝާރާތެއް އެލަން މަސްކް އަންގާރަ ދުވަހުވަނީ ދީފައެވެ.

މިއީ، ޓްވިޓަރ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް އޭނާ ގެންގުޅޭ ޕްލޭންގެ ބައެކެވެ.

ޓްވިޓަރ ކުންފުންޏަށް 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5 ބިލިއަން އެމެރިކާ ޑޮލަރެވެ. ވާދަވެރި ފޭސްބްކަށްވުރެ އާމްދަނީގެގޮތުން ޓްވިޓަރ އުޅެނީ ފަހަތުގައެވެ.

"އާންމުންނަށް ޓްވިޓަރ އަބަދުވެސް އޮންނާނީ ހިލޭ. އެކަމަކު، ފަހަރުގައި ވިޔަފާރި/ސަރުކާރުގެ ބޭނުންތަކަށް ޓްވިޓަރ ބޭނުންކުރާ މީހުންގެ އަތުން ކުޑަ ފީއެއް ނަގަން ޖެހިދާނެ. އެއްޗެއް ނުނެގުމަށްވުރެ ނެގުން ބޭނުންތެރި"
އެލަން މަސްކް

ޓްވިޓަރ ކުންފުނި 44 ބިލިއަން އެމެރިކާ ޑޮލަރަށް ގަތުމަށް އެލަން މަސްކް މިދިޔަ ހަފްތާގައިވަނީ ޓްވިޓަރ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

އޭގެފަހުން، ޓްވިޓަރ ކުންފުނީގެ ސިޔާސަތުތަކަށް އަތުވެދާނެ ބަދަލުތަކާ ގުޅޭގޮތުން އެތައް ވާހަކައެއް ގެންދަނީ ދައްކަމުންނެވެ. މިކަމާހެދި، ޓްވިޓަރ ކުންފުނީ މުސްތަގްބަލުގައި އޮންނާނެ ގޮތަކާމެދު އެތައް ބަޔަކު ގެންދަނީ ވާހަކަ ދައްކައި ޚިޔާލު ފާޅުކުރަމުންނެވެ.

ޓްވިޓަރގައި އެއްވެސް ބާވަތެއްގެ އިސްތިހާރެއް ހުރެގެން ނުވާނެ ކަމަށް އެލަން މަސްކް ބުނެފައިވާތީ، އެކަމުގެ ކަންބޮޑުވުން އެޑް ކުންފުނިތަކުން ގެންދަނީ ފާޅުކުރަމުންނެވެ.

އެކަމަކު، 2021 ވަނަ އަހަރު ޓްވިޓަރއަށް ލިބުނު އާމްދަނީގެ ތެރެއިން ބޮޑުބަޔަކީ ޓްވިޓަރ ވެބްސައިޓާއި އެޕްގައި އެޑްތައް ޖަހައިގެން ލިބުނު އާމްދަނީއެވެ.